ޖޯ ބައިޑަން އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރައްވައިފިއެވެ.
މިދިއަ އަހަރު ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަަހު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ބައިޑެން ވެގެންދާނީ އެމެރިކާގެ 46 ވަނަ ރައީސް އަށެވެ. ޖޯ ބައިޑެން އަދި ނައިބު ރައީސް ކަމަށް ކަމަލާ ހެރިސް ހުވާކުރައްވާފައިވަނީ އެގައުމުގެ ގާނޫން ހަދާ މަޖިލިސް، ދަ ކެޕިޓޯލްގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ކޮވިޑް ބަލިމަޑުކަމާއި ސަލާމަތީ ސަބަބުތަކާ ހެދި ހުވާ ކުރައްވާ ރަސްމިއްޔާތަށް ދައުވަތު އަރުވާފައި ވަނީ މަދު ބަޔަކަށެވެ. ބައިޑެން ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި އެމެރިކާގެ ކުރީގެ ރައީސުންގެ އިތުރުން ނައިބު ރައީސުންނާއި ސަރުކާރަށް ހިދުމަތްކޮށްދީފައިވާ ގިނަ އަދަދެއްގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
އުމުރުން 78 އަހަރުގެ ޖޯ ބައިޑެން އަކީ އެމެރިކާގެ ރައީސްކަން ކުރައްވާ އެންމެ މުސްކުޅި ބޭފުޅާއެވެ.
މީގެއިތުރުން، ބައިޑަން ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.



