ޚަބަރު ފަތުރާ ކުންފުނިތަކަށް ރޯޔަލްޓީސްގެ ގޮތުގައި ފައިސާ ދިނުމަށް ގޫގަލްފަދަ ޓެކްނޮލެޖީގެ ކުންފުނިތަކުގެ މައްޗަށް އަމުރުކުރާ ގާނޫނެއް އޮސްޓްރޭލިއާއިން ފާސްކުރަން އުޅޭ މައްސަލައިގައި އެ ގައުމުގައި ގޫގަލްގެ ސާރޗް އިންޖިން ބޭނުން ނުކުރެވޭ ގޮތް ހަދަން ޖެހިދާނެ ކަމުގެ އިންޒާރު ގޫގަލް އިން ދީފިއެވެ.
މި ގާނޫނު މިގޮތަށް ފާސްކޮށްފިނަމަ، ފޭސްބުކް، ގޫގަލް، އަދި އެހެނިހެން ޓެކްނޮލަޖީ ކުންފުނިތަކުން އެ ކުންފުނިތަކުގެ ވެބްސައިޓުތަކުގައި ހިއްސާކުރާ މީޑިއާ އައުޓްލެޓްތަކުގެ ޚަބަރުތަކަށް ފައިސާ ދައްކަން ޖެހޭނެއެވެ. މި ގާނޫނު ވެގެންދާނީ މުޅި ދުނިޔޭގައިވެސް މިގޮތަށް ފާސްކުރެވޭ ފުރަތަމަ ގާނޫނަށެވެ.
މި މައްސަލައިގައި ޓެެކްނޮލެޖީ ކުންފުނިތަކުން ބުނަމުން އަންނަނީ އެ ކުންފުނިތަކުން އޮސްޓްރޭލިއާގައި ދޭ ބަޔެއް ހިދުމަތްތައް މެދުކަނޑާލަން ޖެހިދާނެ ކަމަށެވެ. ނަމަވެސް، އޮސްޓްރޭލިއާގެ ގާނޫނު ހަދާ މަޖިލީހުންނާއި ބޮޑުވަޒީރު ސުކޮޓް މޮރިއްސަަންހުރީ މިކަމުގައި ދޫދޭގޮތަކަށް ނޫނެވެ.
އޮސްޓްރޭލިއާގައި ހުއްނަ ގޫގަލްގެ މެނޭޖިން ޑައިރެކްޓަރ މެލް ސިލްވާ ވިދާޅުވެފައިވަނީ، މިފަދަ ގާނޫނަކީ ތަންފީޒު ކުރެވި މަސައްކަތް ކުރާނެ ގާނޫނެއް ނޫން ކަމަށެވެ.
ގޫގަލްގެ ފަރާތުން މިހެން ބުނިނަމަވެސް، އޮސްޓްރޭލިއާ ނޫން ބަޔެއް އެހެން ގައުމުތަކުންވެސް ގޫގަލްގެ ކިބައިން މިފަދަ ޑިމާންޑުތަކެއް ކުރަމުން އަންނަކަން ފާހަގަ ކޮށްލެވެއެވެ. މިގޮތުން ފުރާންސް ފާހަގަ ކޮށްލެވެއެވެ. ފުރާންސްގެ ބަޔެއް ޚަބަރުފަތުރާ މީޑިއާތަކާއެކު ގޫގަލްއިން މިހާރުވަނީ އެއްބަސްވުންތަކަކަށް އައިސްފައިކަންވެސް ފާހަގަ ކޮށްލެވެއެވެ.




