ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާ ޑައިރެކްޓްކުރާ ދެވަނަ ހިންދީ ފިލްމު " އެނިމަލް" ގެ ލީޑްރޯލުން ފެނިގެންދާނީ މަޝްހޫރު ބަތަލު ރަންބީރު ކަޕޫރު އަދި ބަތަލާ ޕަރިނިތީ ޗޮޕްރާ ކަމަށް އިންޑިއާގެ މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުން ބުނެފިއެވެ.
"އަނިމަލް" ކުޅެން ސޮއިކޮށްފައިވާކަން ރަންބީރު އިއުލާން ކުރީ މިމަހު ކުރީކޮޅުގައެވެ. އެނިމަލް" ގައި ދެ ތަރިން ދެމަފިރިންގެ ރޯލުން ރަންބީރު އަދި ޕަރިނިތީ ފެނިގެންދާ އިރު، މިއީ އެދެމީހުން އެކީ ފިލްމަކުން ފެނިގެންދާ ފުރަތަމަ ފަހަރެވެ.
ެއިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި "އެނިމަލް" ގެ މުހިންމު ރޯލުތަކުން ބަތަލާ ތުރިޕްތީ ދިމްރީ އާއި އަނިލް ކަޕޫރު އަދި ބޮބީ ޑިއޯލު ވެސް ފެނިގެންދާނެއެވެ. އެހެންވެއްޖެ ނަމަ މިފިލްމު ވެގެންދާނީ ވަރުގަދަ ކާސްޓަކާއިއެކު ޝޫޓްކުރާ ފިލްމަކަށެވެ.
އެނިމަލް" ގައި ފިލްމުގައި ރަންބީރްގެ ބައްޕަގެ ރޯލް ކުޅޭނީ އަނިލް ކަޕޫރެވެ. "އެނިމަލް" ގައި އޭނާ ކުޅޭނީ ވަރަށް ނުފޫޒު ގަދަ ވިޔަފާރިވެރިއެއްގެ ރޯލެވެ. ބޮބީ ޑިއޯލް އަކީ ފިލްމުގެ ވިލަންއެވެ.
ޑާކް ތުރިލާއެއް ކަމަށްވާ " އެނިމަލް" ގެ ޝޫޓިންތައް ފަށާނެ ކަމަށް ބެލެވެނީ، ޖޫން މަހުގެ ތެރޭގައެވެ.



