އިންސާނުން ޚަލްޤު ކުރެއްވުމުގައި އެހެން މަޚުލޫޤާތްތަކާ ޚިލާފަށް އިންސާނުންނަށް ދެވިގެންވާ އެންމެ ފުރިހަމަ ކަމަކީ ބުއްދި ލިބިގެންވުމެވެ. އިންސާނާގެ ހިއްސުތަކުން ދެނެގަނެވޭ ތަކެތި ވުޖޫދުވާކަން ބަޔާންކުރާ ބުއްދި ވުޖޫދުގައިވާ އެއްޗެއްކަން އަންގައިދެނީ ޖަޒުބާތުތަށް އޭނާއަށް ކޮށްދޭ އިހުސާސްތަކެވެ. މި އިހުސާސް މާއްދީ ޖިސްމަށް ނުކުރެވުނެއްކަމަކު، ކޮންމެވެސް އެހެން ގޮތަކުން އެ އިހުސާސް އޭނާއަށް ވެއެވެ. އެ ކަމަކީ ހިތަށް ކުރާ އިހުސާސް ތަކެއް ކަމުގައި ވެސް ބުނެވިދާނެއެވެ.
މިފަދައިން ހިތްތަކަށް އަރާ ފައިބަމުންދާ އެއްވެސް ޖަޒުބާތެއްގެ އަސަރު ކައިރީގައި ތިބޭ އެހެން އިންސާނުންނަކަށް ނުކުރެއެވެ. އުފާވެރިކަމާއެކު ވަޒީފާގައި އުޅެމުން އަންނަ މީހާ އޭނާގެ ހިތާމަތަކެއް ފޮރުވައިގެން އުޅޭކަމަށް ވެސް ވެދާނެއެވެ. ރުޅިވެރިކަން އިންތިހާއަށް ދާއިރުވެސް އެކަމުގެ އަސަރެއް ބޭރުފުށަށް ނުދައްކާ، އެހެން މީހުންނާއި އެކު އުޅެން މަޖުބޫރުވެފައި ވެސް ހުރެދާނެއެވެ.
އިންސާނާގެ ހިތަށް ކުރާ އިހުސާސްތަކުގެ އަސަރު ވަގުތުން ވަގުތަށް މޫނުމަތިން ތަރުޖަމާވާ ބަޔަކުވެސް އުޅެއެވެ. އެމީހުންގެ މޫނުގެ ކުލަވަރަށް އަންނަ ބަދަލުތަކުން ހިތަށް ކުރަމުންދާ އިހުސާސް ކިޔައިދޭ ކަހަލައެވެ. އެހެނަސް މިއިން އެއްވެސް ކަމެއްގެ ސަބަބުން އިންސާނާގެ ހިތަށް ކޮށްފައިވާ ޙަޤީޤީ އިހުސާސް ނުވަތަ އޭގެ ސަބަބު އޭނާ ނޫން އެހެން އެކަކަށްވެސް ނޭނގޭނެއެވެ.
އިންސާނުންގެ ހިތަށް އަރާ ކޮންމެ އެއްޗެއް އޭނާ ކަހަލަ އަނެއް އިންސާނާއަށް ފޮރުވިފައި އޮތުން މިއީ އިންސާނުންނަށް ލިބިގެންވާ އެންމެ ބޮޑެތި ނިޢުމަތް ތަކުގެ ތެރޭގައި ހިމެނޭ އެއްކަމެވެ. ކޮންމެ މީހެއްގެ ހިތް އަނެކާއަށް ކަޝްފުވާ ދުނިޔެއެއްގައި އުޅޭނަމަ ވާނީ ކިހިނެއްތޯ ކޮންމެ ބޭފުޅަކުވެސް އަމިއްލަ ނަފުސާ ސުވާލު ކޮށްލާށެވެ؟ ދެމީހަކު ބައްދަލުވާ ކޮންމެ ފަހަރަކު އޭނާގެ ހިތް އަނެކާއަށް ތަރުޖަމާވެ، އެ ހިތުގައި އޮންނަ އެއްޗެއް ފަހުމުވާނަމަ، ދޭދޭ ދެމީހުން ބައްދަލުވެ ނޫޅެވޭނެއެވެ. ދަރި ވިހެއުމަށްފަހު މާގިނަދުވަހު ގާތުން ކިރު ނުދެވޭނެއެވެ. ދެމަފިރިންގެ ކާވެނި މާގިނަ ދުވަހު ދެމި ނޯންނާނެއެވެ. ވިޔަފާރިވެރި ހިއްސާދާރުން އެމީހުންގެ އަމިއްލަ މުދަލަށް ޚިޔާނާތްތެރިވާން ފަށާނެއެވެ. ނަތީޖާއަކަށްވާނީ މުޖްތަމަޢުތަށް ފަސާދަވެ ދިއުމެވެ.
ހިތްތަކުގައި ވާ ސިއްރު ވަންހަނާވުމުގެ ނިޢުމަތަށް ޝުކުރުވެރިވާށެވެ! އެއްވެސް މީހަކު އޭނާއާއި ގުޅުމެއް ނުވާ ކަންކަމުގެ ޙަބަރު ހޯދާ، ނުބެހޭ ކަންކަމާ ނުބެހިއުޅުން އެއީ އެ ނިޢުމަތަށް ޝުކުރުވެރި ވުމެވެ. ތިބާގެ ހިތަށް މިހާރު ތިއަރާ އިހުސާސް އެނގެން ބޭނުންނުވާ ބަޔަކު ތިބޭ ފަދައިން އެބަޔަކުގެ ހިތުގައި ހިނގާ ޝުޢޫރުތަށް ވެސް މި ވަގުތު ތިބާއަށް ވަންހަނާވެފައި އޮންނަން ބޭނުންވާ ބަޔަކު އުޅޭނެވެ. އެހެންކަމުން ތިމާއާ ނުބެހޭ ކަންކަމާ ގާތް ނުވުމަށް ބުނެއުޅޭ ހަރުބަސް އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ! "ނުބެހޭކަމަކާ ކާޅުކެއަސް ސޮއްނުގޮވާތި!"




