ބަކަރިއެއް ރާޅާ އަޅާ މަންޒަރު ދުށިންތަ؟

ބަކަރިއެކޭ ބުނެފިނަމަ، ގިނަ މީހުންތެ ހިތަށް އަންނާނީ ވިނަ ގަނޑެއްގެ ތެރޭގައި ބަކަރިތައް ވިނަ ކައި ދިރިއުޅޭ މަންޒަރެވެ. ނުވަތަ ކުޑައިރު އެ ޖަނަވާރު ފަހާ ދުވި މަންޒަރުވެސް ސިފަވެދާނެއެވެ. އަދި ބަކަރިއެއް މޫދުގައި ރާޅާ އަޅާ މަންޒަރު ހިތަށް އަރުވަން ފަހަރުގައި އުނދަގޫވެދޭނެއެވެ.

ނަމަވެސް، މިފަދަ މަންޒަރެއް ދާދިފަހަކުން މިވަނީ ކެލިފޯނިއާއިން ފެނިފައެވެ. ބަކަރިއެއް ސާފް ބޯޑެއްގައި ރާޅާ އަޅާ މަންޒަރުގެ ފޮޓޯތަކެއް ދާދިފަހަކުން މިވަނީ އިންޓަނެޓްގައި ދައުރުވެ ގިނަ ބައެއް ސަމާލުކަން އެ ފޮޓޯތަކަށް އަމާޒުވެފައެވެ.

ދަ ނިއު ޔޯކް ޕޯސްޓުގައި ރިޕޯޓުކޮށްފައިވާގޮތުން، ރާޅާ އަޅާ މަންޒަރުން ފެނިގެންދާ މި ބަކަރިއަކީ، ޑޭނާ މެގްރެގާ ނަމަކަށް ކިޔާ ރާޅާ އެޅުންތެރިއެއްގެ ޖަނަވާރެކެވެ. އަދި އޭނާ އަކީ "ދަ ސަރފިން ގޯޓްސް" ގެ ނަމުގައި ބަކަރިތަކަށް ރާޅާ އަޅަން ދަސްކޮށްދޭ ކުންފުންޏެއް ހިނގަމުން އަންނަ މީހެކެވެ.

އެ ކުންފުނީގެ ވެބްސައިޓްއެއްވެސް ހުންނައިރު، އެ ވެބްސައިޓްގައި ވާގޮތުން، ބަކަރިއާއެކު ރާޅާ އަޅަން ދަސްކޮށްދޭ ޕެކޭޖްތަކެއް އޭނާ އޮފާ ކުރެއެވެ. މީގެ އިތުރުން، ހާއްސަ އެހީއށް ބޭޏުންވާ ކުޑަކުދިންނަށާއި އަދި ބޮޑެތި މީހުނަށްވެސް ރާޅާ އެޅޭނެ ގޮތްތައް އޭނާ ފޯރުކޮށްދެއެވެ. އެގޮތުން އެފަދަ މީހުން ޓްރެއިން ކުރަނީ، އެ ކުންފުނީގެ "ބިއުޓިފުލީ-އެއިޑް" ސާފް ކޭމްޕްގެ ދަށުންނެވެ.

ބަކަރިއާއެކު ރާޅާ އެޅުމަކީ، ޑޭނާ މެގްރެގާ އަދި އެ ކަމުގައި ބައިވެރިވާ މީހުންނަށްވެސް އާކަމެއް ނޫނެވެ. އެގޮތުން އެއްދުވަހަކު މެގްރެގާ ހާއްސަ އެހީއަށް ބޭނުންވާ ކުޑަކުދިންނަށް ރާޅާ އަޅަން ދަސްކޮށްދޭ ޓްރެއިނިން ސެޝަން އެއް ނިއްމާލުމަށްފަހު، ބަކަރިއާއެކު ރާޅާ އަޅަން ދިޔައީ އޭނަގެ ރައްޓެހިންވެސް ގޮވައިގެންނެވެ. އަދި މި މަންޒަރު ފެނި ގިނަ ބަޔަކު އެތަނަށް އެއްވެފައިވާއިރު، މި މަންޒަރުތަކުގެ ފޮޓޯތައް މުޅި މީސްމީޑިއާގައި މިހާރު ވަނީ އާންމުވެފައެވެ.

މި ފޮޓޯތައް ވައިރަލްވެ މީޑިއާގެ ސަމާލުކަން މެގްރެގާ އަށް ލިބުމާއެކު، އޭނާ ބުނެފައިވަނީ، އޭނާ ކުރާ މިކަންތަކުގެ ސަބަބުން މީހުންގެ ދިރިއުޅުމަށް އުއްމީދު އާވެގެންދާ ކަމަށެވެ.

މެގްރެގާ ވަނީ ބަކަރިއާއެކު ރާޅާ އެޅުމުގެ ވިސްނުން އައީ ކިހިނެއްކަން ކިޔައިދީފައެވެ. އޭނާ ބުނީ، އޭނަ ކުރިން ޕެޓް އެނިމަލްއެއްގެ ގޮތުގައި ގެންގުޅުނު "ގޯޓީ' ނަމަކަށް ކިޔާ ބަކަރިއެއް އޭނާ މަސައްކަތައް ދިއުމުން ރޮއެ ހަދާނެކަމަށެވެ. އަދި އެކަމުގެ ސަބަބުން ކައިރި އަވައްޓެރިންނަށް އުނދުގޫވާން ފެށުމުން، މަސައްކަތައް ދާއިރު އޭތިވެސް ގޮވައިގެން ދާންފެށިކަމަށެވެ. އަދި އެ ބަކަރިއަށްވެސް ރާޅާ އަޅަން ދަސްކޮށްދޭ ފިލާވަޅުތައް ނަގައިދިނީ ކަމަށް މެގްރެގާ ބުންޏެވެ.

އޭގެ ފަހުން އެކަމަށް ޓުއުރިސްޓުންގެ ސަމާލުކަންވެސް ލިބި، ކޮންމެ ދުވަހަކު މަސައްކަތައް މެގްރެގާ އާއެކު އެ ބަކަރި އާދެއެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ