ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ބީއެމްއެލްގެ މުވައްޒަފުން ޓްރޭޝް ޓެގް ޗެލެންޖް އެމްވީ ގެ ނަމުގައި ވަރަށް ޚާއްސަ ކެންޕޭނެއް ފަށައި، މުޅި ރާއްޖެއަށް ނަމޫނާ މިސާލެއް ދައްކައިފިއެވެ.
މިޗެލެންޖް ފަށާފައިވަނީ މިދިޔަ ކުޑަ ޢީދުގައި އަތޮޅު ތެރެއަށް ދަތުރުކުރި ބީއެމްއެލްގެ މުވައްޒަފުން އިސްނަގައިގެންނެވެ. އަދި މިޗެލެންޖުގައި މުވައްޒަފުން ސާފުކުރަން ބޭނުންވާ ތަން ސާފު ކުރުމުގެ ކުރިންނާއި އަދި ސާފުކުރުމަށްފަހު ނަގާފައިވާ ފޮޓޯތައް #TrashTagMV ހިމަނައިގެން ސޯޝަލްމީޑިއާގައިވަނީ ހިއްސާކޮށްފައެވެ.
ބީއެމްއެލްގެ މުވައްޒަފުން އިސްނަގައިގެން ފެށި މި ޓްރޭޝް ޓެގް ޗެލެންޖް އެމްވީ ގައި އެކި ރަށްރަށުގެ ތަފާތު އެކި ހިސާބުތަކުން ގިނަ އަދަދެއްގެ ކުނި ނަގައި އެ ސަރަޙައްދުތަކަށް ރީތިކަންވަނީ ގެނެސްދީފައެވެ.
BML #TrashTag Challenge Making a Difference pic.twitter.com/AuA44Gv4Hg
— MV+ (@mvplusnews) June 8, 2019
ބީއެމްއެލް އިން ވިދާޅުވި ގޮތުގައި ޓްރޭޝް ޓެގް އެމްވީ ގެ މައިގަނޑު މަގްސަދަކީ، ތިމާވެށި ހިމާޔަތް ކުރުމަކީ އަދާކުރަންޖެހޭ ފަރުދީ އަދި އިޖްތިމާއީ ޒިންމާއެއް ކަމަަށްވުމާއެކު އެންމެން އެކުއެކީގައި މަސައްކަތްކޮށް ވަށައިގެންވާ ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމުކަން އަންގައިދީ ހޭލުންތެރިކުރުވުމެވެ.
ބީއެއްއެލް ގެ މުވައްޒަފުން އިސްނަގައިގެން ފެށި މި ޗެލެންޖަށް އާންމުންގެ ތަރުޙީބު ލިބެމުންދާއިރު، އާންމުންވަނީ ބީއެމްއެލްގެ މިމަސައްކަތް އުފަލާއެކު ބަލައިގެންފައިވާކަން މިހޭޝްޓެގާއެކު އާންމުން މީސްމީޑިއާގައި ޙިއްސާކުރަމުންދާ ފޮޓޯތަކުން އެނގެއެވެ. މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ.ހުސެން ރަޝީދު ހަސަންވެސް ބީއެމްއެލްގެ މިޗެލެންޖަށް މަރުޙަބާ ދަންނަވާފައިވާއިރު ވީހާވެސް ގިނަ ފަރާތްތަކުން މިޗެލެންޖްގައި ބައިވެރިވެ، ފޮޓޯތައް ޙިއްސާކުރެއްވުމަށް ޑރ.ހުސެން ރަޝީދު އެދިލައްވާފައިވެއެވެ.
މިހަރަކާތް ކުރިއަށް ގެންގޮސްފައިވާ ރަށްތަކުގެ ތެރޭގައި ، ކުޅުދުއްފުށި، ށ. މިލަންދޫ، ށ.ފުނަދޫ، ޅ. ނައިފަރު، ލ.ގަން، ކ. ދިއްފުށި، ގއ. ގެމަނަފުށި، ގއ. ކޮލަމާފުށި، ގއ. މާމެންދޫ ފުވައްމުލައް، އަދި އައްޑޫ ސިޓީގެ ރަށްތަކާއި އަދި މާލޭގެ އެކި ސަރަޙައްދުތައް ހިމެނެއެވެ.



