ކިރުގެ ބާވަތައް ހިފައިގެން ދިޔަ ޓްރަކެއް ސްނޯގެ ސަބަބުން ނުދުއްވުމުން، އެ ޓްރަކް ކޮށްޕަދިން މީހާއަށް އަހަރަކަށް ވާވަރަށް ކިރުގެ ބާވަތްތައް ދީފިއެވެ.
ސްކޮޓްލޭންޑްގެ އަންހެނެއް ކަމަށްވާ ޗާލީން ލެސްލީ ބުނެފައިވާގޮތުގައި އޭނާ އެ ޓްރަކް ކޮށްޕުމަށް ދިޔައީ އޭނާ މަގުމަތިން ދަނިކޮށް އެ ޓަރަކް ސްނޯގެ ސަބަބުން ކުރިއަށް ނުގޮސްގެން އުޅޭތަން ފެނުމުން އޭނާގެ ދެ ދަރިން ރައްޓެއްސެއްގެ ގާތުގައި ބަހައްޓާފައި ކަމަށެވެ.
ލެސްލީ މި ޓްރަކް ކޮށްޕާތަން ފެންނަ ވީޑިއޯއަށް ވަނީ ވަރަށް ގިނަ ބައެއްގެ މަޤުބޫލުކަން ލިބިފައެވެ. މި ވީޑިއޯ އާންމުވުމާއެކު "ދަ ފެމިލީ ޑެއިރީ" ކުންފުނިން ވަނީ ލެސްލީ ހޯދައި އޭނާއަށް ޝުކުރު އަދާކުރުމުގެ ގޮތުން އަހަރަކަށް ވާވަރަށް ކިރުގެ ބާވަތަތައް ހަދިޔާއަކަށް ދީފައެވެ.
ލެސްލީ ބުނެފައިވާގޮތުގައި އެހެން މީހަކު އެހީތެރިކަން ބޭނުންވާ ވަގުތު އޭނާ ދުރުގައި ބަލަން ނުހުންނާނެ ކަމަށާއި އެވަގުތު އޭނާ ވިސްނީ އޭނާއާއި ދޭތެރޭ ނޫން ކަމަށާއި ބޭނުންވީ އެހީވާން ކަމަށެވެ.



