40 އަހަރުގެ ހަކާން އޭޒަލް އޭނަގެ 32 އަހަރުގެ އަނބިމީހާ ސެމްރާ އޭޒަލް އުސްތަނަކުން ނުވަތަ ކްލިފްއެއްގެ މަތިން ވައްޓާލާ މަރާލިއިރު، އޭނަގެ އަނބިމީހާ ހުރީ ދަރިއަކަށް ބަލިވެއެވެ.
މިކަން ހިނގީ 2018 ވަނަ އަހަރު މި ދެމަފިރިން ތުރުކީގެ ސިޓީއެއްކަމުގައިވާ މަގްލާ ސިޓީގެ "ބްޓަރފްލައި ވޭލީ"އަށް ޗުއްޓީ އަކަށް ގޮސް އުޅެނިކޮށެވެ. އަނބިމީހާ ކްލިފްގެ މަތިން ގަސްދުގައި ވައްޓާލާފައިވަނީ، އެތަނުގެ މަތީގައި ދެމީހުން އެކީ ސެލްފީ ނެގުމަށް ހުއްޓި، ފޯނުން ފޮޓޯވެސް ނެގުމަށްފަހުއެވެ.
އަނބިމީހާ ވެއްޓުނީ 1000 ފޫޓު މަތިންނެވެ. އޭރު އޭނަގެ އަންހެނުންގެ ބަނޑަށް 7 މަސްވެފައިވާއިރު، ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ވަނީ ވަގުތުން މަރުވެފައެވެ.

މި ހާދިސާ އިންވެސްޓިގޭޓްކޮށް، އޭނާ ބަންދުގައި ބެހެއްޓުމަށްފަހު، ކޯޓުން އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އަދި އެ ހާދިސާ ހިނގިތާ އަހަރުތަކެއް ފަހުން، އެ އަންހެންމީހާ މަރުވުމުގެ ކުޑަ ވަގުތުކޮޅެއްކުރިން ނަގާފައިވާ ފޮޓޯތައް މިވަނީ އާންމުވެފައެވެ.
ބޭރުގެ ނޫސް "ސަން"ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ހާކަން އޭނަގެ އަންހެނުން ސެމްރާ މަރާލުމުގެ މައިގަނޑު މަގުސަދަކީ، އަންހެނުންގެ ލައިފް އިންޝިއުރެންސްގެ ދަހިވެތިކަމުގައިކަމަށް ތުރުކީގެ ޕްރޮސިކިއުޓަރސް އިން ވަނީ ތުހުމަތުކޮށްފައެވެ.
ގަސްދުގައި މީހަކު މަރާލި ކޭސް އެއްގެ ގޮތުގައި މި ކޭސް ބެލިއިރު، ޕްރޮސިކިއުޓަރސް އިން ނިންމާފައިވަނީ، ހާކާން އޭނަގެ އަންހެނުން ގަސްދުގައި މަރާލީ ކަމަށެވެ. އަދި އޭނަގެ ބޭނުމަކީ، އަންހެނުންގެ ލައިފް އިންޝިއުރެންސްގެ ގޮތުގައި 40000 ވުރެ ގިނަ ޕައުންޑް ހޯދުން ކަމަށެވެ.

އެގޮތުން އަންހެނުންގެ މަރަށްފަހު، އޭނާ އިންޝިއުރެންސް ފައިސާ ހޯދުމަށް އިންޝިއުރެންސް ކުންފުންޏަށް ގޮސްފައިވާކަމަށްވެސް އެނގިފައިވެއެވެ. ނަމަވެސް އޭނައަށް އެ ފައިސާ ދޫނުކުރީ އަންހެނުންގެ މަރުގެ މައްސަލަ ތަހުޤީގުކުރާތީ ކަމަށް ހަބަރުތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
ޕްރޮސިކިއުޓަރސް އިން ތުހުމަތުކޮށްފައިވާ ގޮތުގައި، ހާކާން ވަނީ އަނބިމީހާ ގޮވައިގެން އެ ކްލިފް މައްޗަށް ގޮސް، މީހުން އެތަނުން ހުސްވަންދެން ގާތްގަނޑަކަށް ތިން ގަޑިއިރު އެތާ މަޑުކޮށްފައެވެ. އަދި މީހަކު ނެތްކަން ޔަޤީކުރުމަށްފަހު ކްލިފް މަތިން އަންހެނުން ކޮށްޕާލާފައިވާކަމަށެވެ.




