އެންމެ ކާމިޔާބުކަމާއެކު ކޮވިޑް-19 ކޮންޓްރޯލުކުރި ގައުމުތަކުގެ 2 ވަނައިގައި ވިއެޓްނާމް!

ކޮވިޑް-19 ގެ ބަލިމަޑިކަމުގައި ދުނިޔޭގެ ގައުމުތައް އެއް އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރަމުންދާއިރު، މި ޕެންޑެމިކްގެ ތެރޭގައި ބަލި ކޮންޓްރޯލުކުރުމަށް އެކި ގައުމުތަކުން ވަނީ އެކި ގޮތްގޮތަށް މަސައްކަތްކޮށްފައެވެ. އެގޮތުން ގައުމުތަކުން ގެންގުޅު އަމިއްލަ ސްޓްރެޓެޖީ ތަކުގެ ސަބަބުން ބައެއް ގައުމުތަކުން ބަލި އަވަހަށް ފެތުރިޔަނުދީ ކޮންޓްރޯލުކުރެވުނު އިރު، ބައެއް ގައުމުތަކުގައި އަދިވެސް ބަލި ކޮންޓްރޯލެއް ނެތި ފެތުރިގެން ދަނީއެވެ.

އެގޮތުން އެންމެ ކާމިޔާބު ކަމާއެކު އެންމެ އަވަހަށް ކޮވިޑް-19 ކޮންޓްރޯލު ކުރި ގައުމުތަކުގެ ތެރޭގައި، ނިއުޒިލެންޑް، އޮސްޓްރޭލިއާ އަދި ތައިވާން ހިމެނެއެވެ. ކޮވިޑް ކޮންޓްރޯލުކުރުމަށް މި ގައުމު ތަކުން ގެންގުޅުނު އުސޫލުތަކަށް ދުނިޔޭގެ ބޮޑެތި ލީޑަރުންވެސް ވަނީ ތައުރީފުކޮށްފައެވެ.

މި ގައުމުތަކުގެ ލިސްޓަށް އިތުރުވާން ކައިރިވެފައިވާ އަނެއް ގައުމަކީ ވިއެޓްނާމެވެ. އެގޮތުން  97 މިލިއަން މީހުންގެ އާބާދީއެއް ދިރިއުޅޭ މި ގައުމުން މިހާތަނަށް ކޮވިޑް-19 ގެ ފެނިފައިވަނީ ގާތްގަނޑަކަށް 2500 ޕޮޒިޓިވް ކޭސްއެވެ. އަދި ބަލީގައި މަރުވެފައިވަނީ 35 މީހުންނެވެ.

އެހެންކަމުން މިއީ މިލިއަނުގެ މިހާ ބޮޑު އާބާދީއެއް އޮންނަ އަދި ޗައިނާ އާއި އެއް ބޯޑަރެއް ހިއްސާކުރާ ގައުމަކަށް ކޮވިޑް-19 ކޮންޓްރޯލު ކުރުމުގައި ވަރަށް ބޮޑު ކާމިޔާބީއެއް ލިބިއްޖެކަން ހާމަވާ ހެއްކެކެވެ.

ދަ ލޯވީ އިންސްޓިޓިއުޓް އިން ޕަބްލިޝްކޮށްފައިވާ ކޮވިޑް-19 ގެ ޕާރފޯމެންސް ދައްކުވައިދޭ އިންޑެކްސް އަކުން ދައްކާގޮތުގައި، ކޮވިޑް-19 ގެ ޕެންޑެމިކްގައި އެންމެ ރަނގަޅަށް ކާމިޔާބުކަމާއެކު ކޮވިޑް ކޮންޓްރޯލު ކުރި 98 ގައުމުގެ ރޭންކިންގައި ނިއުޒިލެންޑަށްފަހު ދެވަނައި ގައި އޮތީ ވިއެޓްނާމްއެވެ.

ވިއެޓްނާމް އިން ކޮވިޑް-19 ގެ ޕެންޑެމިކްގައި އަމަލުކުރި ގޮތަށް ބަލާއިރު، ޗައިނާގެ ވުހާން ސިޓީއިން ނިއުމޯނިއާގެ ބޮޑު ކްލަސްޓާއެއް ފެނުމާއެކު، ވިއެޓްނާމް އިން އެންމެ ފުރަތަމަ ވަނީ ރިސްކް އެސެސްމެންޓެއް ހަދާފައެވެ.

ވިއެޓްނާމް އިން ވަނީ، ބަލިން ރައްކާތެރިވުމަށް ވަރަށް ކުރިއާލާ ތައްޔާރުވެފަވާކަން ފާހަގަކުރެވިފައިވެއެވެ. އެގޮތުން ދުނިޔޭގެ އެހެން ގައުމުތަކުން ބަލި ފެންނަން ފެށުމާއެކު ވިއެޓްނާމްގެ ސްކޫލްތައް ބަންދުކޮށް، އިންޓަނޭޝަނަލް ފްލައިޓް ދަތުރުތައް ވަނީ މަދުކޮށްފައެވެ.

މީގެ އިތުރުން، އެންމެން ކޮވިޑް-19 އަށް ޓެސްޓުކުރުމުގެ ބަދަލުގައި އެ ގައުމުން ވަނީ ، ކޮންޓެކްޓް ޓްރޭސިންގައި ފާހަގަވި މީހުން ފުރަތަމަ ޓެސްޓުކޮށްފައެވެ. އަދި ބޯޑަރު ބަންދުކޮށް، ގައުމަށް އައި އެންމެން ކަރަންޓީނު ކޮށްފައިވަނީވެސް ސަރުކާރުން ފެސިލިޓީތަކުގައި ހިލޭއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ