ޕަބްލިކް ސާވިސް މީޑިއާގައި މަސައްކަތް ކުރަމުން އަންނަ އެންމެންގެވެސް މަގުބޫލުކަން ހޯދާފައިވާ ކުޅިވަރު ޖާނަލިސްޓް ސާއިދު އަހުމަދުގެ ދެ ކިޑްނީ ފެއިލްވެ، ފުރާނަ ސަލާމަތް ކުރުމުށް ވިހާވެސް އަވަހަކަށް ކިޑްނީ ބަދަލުކުރަން އާންމުންގެ އެހީއަކަށް އެދިއްޖެއެވެ.
ގދ.ތިނަދޫ، ފޮނިމާގޭ ސާއިދުގެ ހަށިގަނޑުގައި މައްސަލައެއް އުޅޭކަން އެނގުނީ 2018 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެއް ރޭ މާ ގަދައަށް ހުން އައިސް، ކުޑަކަމުދާ ތަކެތީގައި ލޭ ހުރުމުން ޑޮކްޓަރަށް ދެއްކި ހިސާބުންނެވެ.
ސާއިދު ބުނެފައިވާ ގޮތުގައި، އޭނާ ކިޑްނީއެއް ހޯދުމަށް ފާއިތުވި ދުވަސްތަކުގެ ތެރޭގައި 12 މީހަކާއެކު ވާހަކަ ދެއްކުނު ކަމަށެވެ. އޭގެ ތެރެއިން ތިން މީހަކު ކިޑްނީއެއް ހަދިޔާކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ހުރިހާ މަރުހަލާތަކެއް ވެސް ފުރިހަމަކުރި ނަމަވެސް ކޮންމެވެސް ހިސާބަކުން ވަނީ ފެއިލް ކަމަށް ސާއިދު ބުނެފައިވެއެވެ.
ރީޗެކަޕް ހަދަން ޖެހޭ ހިސާބުން އެމީހުން ހަބަރެއް ނުވާކަން ފާހަގަކުރަމުން ސާއިދު ބުނީ އަނެއް މީހުން ޓެސްޓް ހަދަން ދާނެ ކަމަށް ބުނެ، ޓެސްޓް ހަދަން ޖެހޭ ދުވަހު ގުޅާއި ގުޅާއި ފޯނު ވެސް ނުނަގާ ކަމަށެވެ.
އެމީހުން ފަހުން ހަބަރެއް ނުވުމާއި އާއިލާގެ ތެރެއިން ވެސް އަދި ކިޑްނީއެއް ލިބިފައި ނުވާތީ މިއަދާ ހަމައަށް ވެސް ސާއިދަށް ކިޑްނީއެއް ލިބޭ ގޮތެއް ނުވެއެވެ.
އެހެންކަމުން ސާއިދު މިވަނީ އަނެއްކާވެސް މިކަމުގައި އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

ކިޑްނީ ފެއިލްވި ފަހުން ކޮންމެ ހަފްތާއަކު ވެސް ދެ ދުވަހުން އެއް ދުވަހު ސާއިދު އަންނަނީ ޑައިލަސިސް ހަދަމުންނެވެ. މިހާރު އައިޖީއެމްއެޗުން އޭނާ ޑައިލަސިސް ހަދަމުން އަންނައިރު ސާއިދު ވަނީ އެ ހޮސްޕިޓަލުގެ ޑައިލަސިސް ޑިޕާޓްމަންޓްގެ ފަރާތުން ބަހައްޓާއި ގާތްކަމާއި ހިތްހެޔޮކަމާއި އަޅާލުމަށް ޝުކުރު އަދާކޮށްފައެވެ.
އިތުރު މައުލޫމާތު ހޯދުމަށް: ސާއިދު އަހުމަދު - 7998981




