ޔޫތް ލީޑާރސް ނެޓްވޯކުގެ މިއަހަރުގެ ދެވަނަ ޔޫތް ލީޑާރސް ފޯރަމް މާދަމާރޭ ހުރަވީ ސްކޫލްގައި ފެށުމަށް ނިންމައިފިއެވެ.
މިފަހަރުގެ ފޯރަމްގައި ކޮލެޖް ޔުނިވަރސިޓީތަކުން 150 ދަރިވަރުން ބައިވެރި ވާގޮތަށްވަނީ ހަމަޖެހިފައެވެ. އަދި ފޯރަމްގެ ސެޝަންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހުކުރު އަދި ހޮނިހިރު ދުވަހުއެވެ.
މާދަމާރޭ ހުޅުމާލެ ހުރަވީ ސްކޫލްގައި ބާއްވާ ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ.
މިފަހަރުގެ ފޯރަމް އަމާޒުކޮށްފައިވަނީ " ތަހައްމަލުކުރުމުގެ ޘަޤާފަތް - މުޖުތަމަޢުގެެ ހަމަޖެހުން " މިޝިޢާރުގެ މައްޗަށެވެ. ޝިއާރާ ގުޅުންހުރި ތަފާތު ހަ ދާއިރާއަކުން ތަޖުރިބާ ލިބިވަޑައިގެންތިއްބެވި ބޭފުޅުން މައުލޫމާތު ޙިއްޞާކޮށް، މަޝްވަރާކުރާނެއެވެ.
ޔޫތް ލީޑާރސް ނެޓްވޯކުން ވަނީ މިހާތަނަށް އައްޑު އަތޮޅާއި، ފުވައްމުލަކާއި، ހދ.ކުޅުދުއްފުއްޓާއި، ލ.ގަމާއި، ދ.ކުޑަހުވަދޫއާއި، ގއ.ވިލިނގިލީގެ އިތުރުން ހޯރަފުށީގައިވެސް ފޯރަމް ކުރިއަށްގެންގޮސްފައެވެ. މިއަހަރުގެ ފުރަތަމަ ފޯރަމް ފެބްރުއަރީ މަހު ބޭއްވީ ހޯރަފުށީގައެވެ.



