"ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ ޓްރޭޑް ފެސިލިޓޭޝަން" އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ލަފާ ދެއްވާފައިވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އެކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.
ޓްރޭޑް ފެސިލިޓޭޝަން އެއްބަސްވުމަކީ، ޖުމްލަ ގޮތެއްގައި، ޤައުމެއްގައި ވިޔަފާރި ކުރުމުގައި ވިޔަފާރިވެރިންނަށް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ޤާނޫނުތަކާއި ޤަވާޢިދުތަކާއި ޕްރޮސީޖަރތައް ބަޔާންކުރުމަށް އަދި އެގޮތަށް މެންބަރު ޤައުމުތަކުން ޢަމަލު ކުރުމަށް މަގުފަހި ކުރުމަށް އެކުލަވާލެވިފައިވާ އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ، މުދާ ކްލިއަރ ކުރުމާއި، ރިލީސް ކުރުމާއި، މުދާ ޓްރާންސިޓް ކުރަންޖެހޭ ހާލަތްތަކުގައި، ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމާއި، ޤައުމުތަކުގެ ކަސްޓަމްސްއާއި އެހެނިހެން މުއައްސަސާތަކާ ގުޅިގެން، ޓްރޭޑް ފެސިލިޓޭޓްކުރުމަށް މަސައްކަތް ކުރުމާއި، އިމްޕޯޓް އެކްސްޕޯޓް މަރުޙަލާގައި ބޯޑަރުގައި ދިމާވާ ހުރަސްތައް ނައްތާލުމަށްޓަކައި ކަސްޓަމްސް ކޮމްޕްލަޔަންސް ހަރުދަނާ ކުރުން ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
މި އެއްބަސްވުމުގެ ދަށުން، މުދާ ކްލިއަރ ކުރުން އަވަސްވެ ބޯޑަރ އެޖެންސީތަކުގެ ގުޅުން ބަދަހިވެ ވިޔަފާރިވެރިންނަށް މިކަމުން ލިބިގެންދާ ލުއިފަސޭހަތަކާއިއެކު ވިޔަފާރި ކުރުމުގެ ޚަރަދުތައް ކުޑަވުމުގެން ދާނެ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.




