ހޮންކޮންގްގެ އިންތިހާބީ ނިޒާމަށް ގެއްނަ ބަދަލަށް އެމެރިކާއިން ފާޑުކިޔައިފި

ހޮންކޮންގްގެ އިންތިހާބީ ނިޒާމަށް ޗައިނާއިން ގެނައުމަށް އިއުލާން ކޮށްފައިވާ ބަދަލުތަކާއި ގުޅިގެން އެމެރިކާއިން ކަނބޮޑުވުން ފާޅުކޮށްފިއެވެ.

ހޮންކޮންގްގެ އިންތިހާބީ ނިޒާމަށް ޗައިނާއިން ގެނައުމަށް ނިންމައިފައިވާ ބަދަލުތައް އެގައުމުން އިއްޔެ ހާމަކުރުމާއި ގުޅިގެން އެމެރިކާއިން ބުނެފައިވަނީ ހޮންކޮންގްގެ ޑިމަކްރެޓިކް އިންސްޓިޓިއުޝަންތަކަށް ޗައިނާއިން ދޭ ހަމަލާތައް ކުއްވެރިކުރާ ކަމަށެވެ.

ޗައިނާގެ ނެޝަނަލް ޕީޕަލްސް ކޮންގްރެސް (އެންޕީސީ) އިއްޔެ ފެށިފައިވާއިރު، ހޮންކޮންގްގައި އިސްކޮށް ތިބެނީ ގައުމު ދެކެ ލޯބިވާ މީހުންކަން ޔަގީން ކުރެވޭނެ ފަދަ ބަދަލުތަކެއް ހޮންކޮންގްގެ އިންތިހާބީ ނިޒާމަށް ގެންނާނެ ކަމަށް ޗައިނާގެ އޮފިޝަލުންވަނީ ވިދާޅުވެފައެވެ.

މިގޮތުން ހޮންކޮންގްގެ ލީޑަރު ހޮވާ އިލެކްޓޯރަލް ކޮމިޓީ އެކުލަވާލާ ގޮތް ބަދަލުކޮށް ހޮންކޮންގްގެ ގާނޫނު ހަދާ ލެޖިސްލޭޓިވް ކައުންސިލްގައި ތިއްބަވާ މެމްބަރުންގެ އަދަދު އިތުރުކޮށް، އެ މެމްބަރުން އައްޔަން ކުރުމުގެ ބާރު އިލެކްޓޯރަލް ކޮމިޓީއަށް ދިނުމަށްވަނީ ވާހަކަދައްކައިފައެވެ.

މި ބަދަލުތަކުގެ ސަބަބުން ހޮންކޮންގްގެ ރައްޔިތުން އިންތިހާބު ކުރާ މެމްބަރުންގެ އަދަދު މަދުވެގެންދާނެއެވެ. މިއީ ޗައިނާގެ ފުލްކޮންޓްރޯލްގެ ދަށަށް ހޮންކޮންގް ގެނައުމަށް ރޭވިގެން ހިނގާ ހަރަކާތްތަކުގެ ތެރެއިން ބަޔެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން އައްނަނީ ބުނަމުންނެވެ.

އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި މީގެކުރިން އޮތް ހޮންކޮންގް، 1997 ވަނަ އަހަރު ޗައިނާގެ ބަޔަކަށް ހެދީ ވަން ކަންޓްރީ، ޓޫ ސިސްޓަމްސް ނިޒާމުގެ ދަށުންނެވެ. މި ނިޒާމުގެ ސަބަބުން ޗައިނާގައި ދިރިއުޅޭ މީހުންނަށް ނުލިބޭ ގިނަ ހައްގުތަކެއް ހޮންކޮންގްގެ ރައްޔިތުންނަށް ލިބިގެންދެއެވެ. ނަމަވެސް ޗައިނާއިން މިހާރު އައްނަނީ ހޮންކޮންގްގެ ގިނަ ކަންތައްތަކެއް ހިފަހައްޓަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ