އިޒްރައިލުގެ އަސްކަރިއްޔާއިން ވަކި މުއްދަތެއް ނެއްގޮތައް ގައްޒާގައި ދިރިއުޅެމުންދާ ފަރާތްތަކަށް މަސްވެރިކަންކުރުން މަނާކޮށްފިއެވެ.
އިޒްރައިލުން ބުނަނީ މިގޮތައް އަމަލުކުރަން ޖެހުނީ ގައްޒާއިން އިޒްރައިލުގެ އެކި ސަރަހައްދު ތަކުގައި އަލިފާން ރޯކުރުމަށްޓަކައި ފޮނުވާ "އިންސެންޑިއަރީ ބެލޫންސް" ފޮނުވުން ހުއްޓުމަކަށް އައިސްފައި ނުވާތީ ކަމުގައެވެ.
1993 ގައި އެއްބަސްވެވުނު އޮސްލޯ އެއްބަސްވުމުގައި ވާގޮތުން އިޒްރައިލުން ފަލަސްތީނަށް 20 ނޯޓިކަލް މޭލާއި ހަމައަށް މަސްވެރިކަން ކުރުމުގެ ހުއްދަ ދޭން ޖެހެއެވެ. ނަމަވެސް ދުވަހުކުވެސް އިޒްރައިލުން މި މިންވަރަށް ފަލަސްތީނުގެ ރައްޔިތުންނަށް މަސްވެރިކަން ކުރުމުގެ ހުއްދަ ދީފައި ނުވެއެވެ.
2006 ވަނަ އަހަރާއި ޖެހެންދެން އިޒްރައިލުން ފަލަސްތީނު ރައްޔިތުންނަށް މަސްވެރިކަން ކުރުމުގެ ހުއްދަ ދީފައިވަނީ 12 ނޯޓިކަލް މޭލާ ހަމައަށެވެ. އެޔަށްވުރެ ބޭރަށް މަސްވެރިކަމު ނިކުމެ އުޅުންވަނީ މަނާކޮށްފައެވެ.
ގައްޒާގައި އެކަނިވެސް މަސްވެރިކަމުން ކައިބޮއި އުޅޭ 4،000 މަސްވެރިން އުޅެއެވެ. އިޒްރައިލުގެ މި ނިންމުމާއެކު މި މަސްވެރިން ދިރިއުޅުމަށްކުރާ މަސައްކަތް ހުއްޓިގެން ދާނެއެވެ.
ހަމާސް ޖަމާއަތުން ގައްޒާގެ އިންތިހާބު ކާމިޔާބުކޮށް ވެރިކަން ކުރަން ފެށީންސުރެ އިޒްރައިލާއި މިސްރުން ގުޅިގެން ގައްޒާވަނީ ހިސޯރު ކޮށްފައެވެ.




