އެނަމާ ބޯޓް ބަންޑުން ޖަހާލިތާ 17 އަހަރު! އެބިރުވެރިކަމާއި ހިތްދަކަން އަދިވެސް ފިލާނުދޭ!

އެއީ މީގެ 17 އަހަރު ކުރިއެވެ. ހެނދުނު ހޭލެވުނު އިރު ދިވެހިރާއްޖޭގެ އަޑުން ފޮނުވަމުންދިއައީ ކީރިތި ޤުރުއާނެވެ. އާއްމުކޮށް ހެނދުނުގެ އެވަގުތަކީ ދިވެހިރާއްޖޭގެ އަޑުން ބޮޑުބެރު ލަވަޔާއި އެެނޫންވެސް ހެނދުނުގެ ޚާއްސަ ޕްރޮގްރާމްތައް ފޮނުވަމުންދާ ވަގުތެވެ. ނަމަވެސް މެދުނުކެނޑި ރޭޑިއޯ އިން ޤުރުއާނުގެ އަޑު ފޮނުވަމުން ގެންދިއުމުން ކޮންމެވެސް ކަމެއް ހިނގައިގެން އުޅޭކަން އިިހުސާސް ކުރެވުނެވެ.

2004 ވަނަ އަހަރު މާރޗު މަހުގެ 17 ވަނަ ދުވަހުގެ ރޭ އިރާކޮޅު ހިނގާދިޔަ އެނަމާ ބޯޓުގެ ހާދިސާއަކީ ދިވެހިރާއްޖޭގެ ފަހުގެ ތާރީހުގައި އެއްމެ ގިނަ އަދަދެއްގެ މީހުން މަރުވި އެއްމެ ހިތާމަވެރި ކަނޑުމަތީގެ ކާރިސާއެވެ. ގއ. ވިލިނގިލިން ފުރައިގެން ގދ. ތިނަދުއަށް 122 މީހުންނާއެކު ދަތުރު ކުރަނިކޮށް ތިނަދޫ އެނަމާބޯޓު ބަންޑުން ޖަހާލާ ޖުމްލަ 24 މީހުންމަރުވެ 2 މީހަކު ގެއްލިފައިވެއެވެ. މިކާރިސާ ހިނގާފައިވަނީ 17 މާރޗް 2004 ވީ ބުދަދުވަހުގެރޭ 8:30 ހާއިރުއެވެ. މަރުވިމީހުންގެ މައްޗަށް ޣައިބުގައި ކަށުނަމާދު ކުރުން އޮތީ 19 މާރޗް 2004 ވީ ހުކުރު ދުވަހު މުޅިރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ހުކުރުނަމާދަށްފަހުއެވެ.

މިއަދު އެނަމާ ބޯޓު ބަންޑުންޖަހާލި ހާދިސާ އަށް 17 އަހަރު ފުރިގެން ދާއިރު، އެ ހާދިސާ ތިނަދޫ މީހުންގެ އިތުރުން ވެސް އެތައް ދިވެހިންނެއްގެ ހަނދާނުގައި އަދިވެސް އެބަހުއްޓެވެ. އެއީ މުޅި ގައުމަށް ވެސް ހިތާމަވެރިކަން ގެނުވި، ކަޅު ދުވަހެކެވެ.

ކާރިސާ ހިނގާދިޔަގޮތް:

މިކާރިސާހިނގި ދަތުރަކީ ގއ.ވިލިނގިލީގައި އޮތް ފުޓުބޯޅަ މެޗެއްބެލުމަށް ގދ.ތިނަދޫއިން އެރަށަށް ދިޔަ މީހުން އެނބުރި ތިނަދޫއަށް ކުރިދަތުރެވެ. އެމެޗަކީ ދިވެހި ލީގަށް ކޮލިފައިވާން ޒޯންހަތެއްގެ ގދ.ތިނަދޫ މަސްވެރިންގެ ރޫހާއި، ގއ.ވިލިނގިލީ މަސްވެރިންގެ ކްލަބް ވިލިނގިއްލާ ބައްދަލުކުރިމެޗެވެ. މިމެޗުން ބަލިވި ޓީމުކަމަށްވާ ތިނަދޫ ޓީމުގެ ސަޕޯޓަރުން ބޯޓަށް އެރީ އިރު އޮއްސި 6:50 އަރައެވެ. ދަތުރު ކުރަމުން ގޮސް ބައިގަޑި އެއްހާއިރު ވީތަނާ އިންޖީނިހުއްޓިގެން އޭގެ ފިލްޓަރެއް ބަދަލުކޮށް އަލުން ދަތުރުފެށިއެވެ. ދެން އޭގެފަހުން ހުރިހާކަމެއްވެސް އާދައިގެމަތިން ގޮސް މިކާރިސާއާ ކުރިމަތިވީ ބޯޓުގައި ގިނަ އަދަދެއްގެ ބަޔަކު މަޖާކޮށް ސަކަރާތްޖަހަމުން ދަނިކޮށް ވަރަށްކުއްލިގޮތަކަށް އެރޭ 8:30 ކަން ހާއިރުއެވެ. މިކާރިސާ ހިނގާފައިވާގޮތެއްކަމަށް ވަނީ އެނަމާބޯޓާ 40 ފޫޓު ދުރުން ދަތުރު ކުރަމުންދިޔަ 'އަރުތަ' ނަމަކަށް ކިޔޭ ތިނަދޫ މަސްދޯންޏެއްގެ މޯހިރުން އުފެދުނު ރާޅެއްގައިޖެހި އެނަމާ ބޯޓު ތަޅުވާ ބަންޑުން ޖަހާލައިގެންނެވެ.

އެރޭ ބޯޓު ދަތުރު ކުރަމުން ދިޔައިރު އޭގައި 88 ފުޅި ކައްކާ ގޭސް ހުސްކުރި ސިލިންޑަރާއި ހޮސްޕިޓަލުގެ މެޑްއޮކްސިޖަން ހުސްކުރި 10 ފުޅި ނޫން އެއްވެސް މުދަލެއް ބަރުކޮށްފައި ނެތެވެ. މިހާ މަދު މުދަލާއެކު އެހާގިނަ މީހުން ބޯޓުގެ މަތީގައި ތިބުމަކީ ބޯޓު ބަންޑުންޖަހާލުމުގެ ސަބަބެއްކަމަށް ކަމާބެހޭ ބައެއް މާހިރުން ވަނީ ބުނެފައެވެ. ބޯޓު ދަތުރުކުރަމުން ދަނިކޮށް ބޯޓުގެ މަތީބަޔަށް މީހުންތައް އެރުން އެއީ އޭގެ ބެލެންސް ގެއްލުނު އެއްސަބަބުކަމަށް މިފަރާތްތަކުން ބުނެއެވެ.

އެ ހާދިސާއިން ސަލާމަތްވި މީހުން ބުނާގޮތުގައި މިޔަރެން ދޯނީގެ އެހީ ތެރިކަން ލިބުނު ނަމަ އެމީހުން ގެ ތެރެއިން ގިނަބަޔަކު ސަލާމަތް ކުރެވުނީހެވެ. ނަމަވެސް 12 ޓަނުގެ މަސް އެބަހުއްޓޭ މިދަނީ ކޫއްޑޫ އަށް މަސްކިރުވާށޭ ކިޔާފައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީނުވެ އެދޯނި ވަނީ ގޮސްފައެވެ.

އެނަމާ ބޯޓު ހާދިސާގައި ދުނިޔެ ދޫކޮށްފައިވާ އެންމެހާ ފަރާތްތަކަށް ސުވަރުގެ މިންވަރު ކުރައްވާށި! އަދި އެ އާއިލާތަކަށް ކެތްތެރިކަން ދެއްވާށި!

(އާމީން)

މިލިޔުން ކިޔާލުމުން
223
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. މީހެއް

    aameen

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ