އެމެރިކާގެ މަޝްހޫރު ޒުވާން ލަވަކިޔުންތެރިޔާ، ބިލީ އައިލިޝް އަކީ މިވަގުތު ގިނަ ބައެއްގެ ފޭވަރިޓެެވެ. އޭނަގެ ލަވަކިޔުމުގެ ހުނަރުގެ އިތުރުން، އޭނަގެ އިސްތަށިގަނޑު ގެންގުޅޭ ސްޓައިލް އަށް ވެސް ގިނަ ބަޔަކު ލޯބިކުރެވެ. އެގޮތުން ބިލީގެ "ސިގްނޭޗަރ ލުކް"އެއް ކަމަށްވާ، ވިދާ ފެހިކުލައިގެ އިސްތަށިގަނޑަކީ މިހާތަނަށް އައިއިރުވެސް ބިލީގެ އެންމެ ހާއްސަ އެއް ކަމެކެވެ.
ނަމަވެސް ބެލެވޭ ގޮތުގައި ބިލީ މިހާރު މިވަނީ އޭނަގެ އިސްތަށިގަނޑު އެއްކޮށް "ބޮލޯންޑް" ކޮށްލައިފައެވެ. އެގޮތުން މީގެ 14 ގަޑިއިރު ކުރިން ބިލީ ވަނީ އޭނަގެ އިންސްޓަގްރަމްގައި އިސްތަށިގަނޑުގެ ކުލަ ބަދަލުކޮށްލަން އުޅޭ ކަމަށް ބުނެ ސަމާސާއެއް ކޮށްލައިފަައެވެ. އެގޮތުން އިސްތަށިގަނޑު އެއްކޮށް ބްލޮންޑް ކޮށް ފެނިގެންދާ ވީޑިއޯ އެއް ޕޯސްޓު ކުރުމަށްފަހު، ބަދަލު ކޮށްލާނެ ކުލަ "ގެސް" ކުރުމަށް ފޭނުން ކައިރީ އޭނާ ބުނެފައިވެއެވެ.
އަދި އޭގެ ފަހުން ވަނީ ބިލީގެ "ބްލޮންޑް" އިސްތަށިގަނޑާއެކު ފޮޓޯއެއްވެސް ހިއްސާކޮށްފައެވެ. ވީޑިއޯގައި ބިލީ ސްޓޫޑިއޯއެއްގެ ތެރެއިން ފެނިގެންދާއިރު، އެއީ ފޮޓޯޝޫޓެއް ނުވަތަ މިއުޒިކް ވީޑިއޯ އެއްކަމަށް ފޭނުން ހީކުރިއެވެ.
ބިލީގެ މި ވީޑިއޯ އަށާއި ފޮޓޯއަށް 15 މިލިއަނަށްވުރެ ގިނަ ލައިކްވެސް ލިބިފައިވެއެވެ.
ނަމަވެސް، އިސްތަށިގަނޑުގެ ކުލަ އެއްކޮށް "ބްލޮންޑް" ކޮށްލީ ތޯ ނުވަތަ ނޫންތޯ ބިލީ އަދި ޔަޤީނެެއް ނުކޮށްދެއެވެ.
ދާދިފަހަކުން ބޭއްވި ގްރޭމީ އެވޯޑްސް 2021 ގައި ބިލީއަށް ވަނީ "ސޯންގް އޮފް ދި އިޔާ" ގެ އެވޯޑް ލިބިފައެވެ. މިއީ ޖެހި ޖެހިގެން މި އެވޯޑު ބިލީއަށް ލިބުނު ދެވަނަ ފަހަރެވެ. 2020 ގައި ބިލީ މި އެވޯޑު ހޯދީ "ބޭޑް ގާއި" މި ލަވަ އިންނެވެ.




