ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ މުރާޖާ ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.
އެޗްއާރްސީއެމް އިން މި ހުށައެޅުން ހުށައެޅީ ރައްޔިތުން މަޖިލީހުގެ ގަވާއިދަށް ޚިޔާލު ހުށައެޅުމަށް ހުޅުވާލައިފައިވާ ފުރުޞަތުގައެވެ. މި ހުށައެޅުމުގައި ބުނެފައިވަނީ މެންބަރުންނަށް މުސާރައިގެ ގޮތުގައި ލިބޭ 65،000 ރުފިޔާއަކީ ދައުލަތުގެ ބަޖެޓާއި އެހެނިހެން ވަޒީފާތަކަށް ކަނޑައަޅާފައިވާ މުސާރައަށް ވުރެ ބޮޑު މުސާރައެއް ކަމަށެވެ.
އަދި ހަމައެއާއެކު ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ރާއްޖެއިން ބޭރުން މެޑިކަލް އިންޝުއަރެންސް ލިބެމުން އަންނައިރު މަޖިލީހުގެ މެންބަރުންނަށް މިހާރު ލިބެމުން އަންނަ މުސާރަ އަލުން މުރާޖާ ކުރުމަކީ މުހިއްމު ކަމެއް ކަމަށް އެޗްއާރްސީއެމްއިން ހުށައެޅުމުގައި ބުނެފައި ވެއެވެ.
މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ގަވާއިދު ކޮމެޓީން ކުރަމުން އަންނައިރު ކޮމެޓީން ވަނީ ގަވާއިދަށް ގެންނަން ބޭނުންވާ އިސްލާހުތައް ހުށަހެޅުމަށް އާއްމު ފަރާތްތަކަށާއި ޖަމިއްޔާ ޖަމާއަތްތަކަށްވެސް ހުޅުވާލައިފައެވެ.




