މިދިޔަމަހުގެ 23 ވަނަ ދުވަހު ސުއޭޒް ކެނަލްއަށް ކޮންޓެއިނަރ އުފުލާ އެވަރގިވަން ހުރަސްވެ އުފެދުނު ޓްރެފިކްޖެމް މިހާރު ސާފުވެފައިވާކަމަށް ސުއެޒް ކެނަލް އޮތޯރިޓީން ބުނެފިއެވެ.
އެ އޮތޯރިޓީން ބުނީ، ދިގުމިނުގައި 400 މީޓަރު ހުންނަ އެވަރގިވަން ބޯޓު ސުއޭޒް ކެނަލް އަށް ހުރަސްވެ ބޯޓު ފުންކުރުމަށް ނެގި ހަދުވަހުގެ ތެރޭ 400 އަށްވުރެ ގިނަ ބޯޓަށް ދަތުރުނުކުރެވި ޓްރެފިކްޖެމް ވެފައިވާކަމަށެވެ. ނަމަވެސް މިހާރު މި ހުރިހާ ބޯޓެއްވެސް ސުއޭޒް ކެނަލް ހުރަސްކޮށްފައިވާ ކަމަށެވެ.
ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ އެވަރގިވަން ބޯޓު ސުއޭޒް ކެނަލްއަށް ހުރަސްވާން ދިމާވި ހާދިސާ ކަމާބެހޭ ފަރާތްތަކުން މިހާރު ތަހުގީގު ކުރަމުން އަންނައިރު މިއަންނަ ހަފްތާގެ ކުރީކޮޅު ތަހުގީގު ނިންމާ ތަހުގީގީ ރިޕޯޓެއް ނެރުމަށްވަނީ ނިންމައިފައެވެ.
ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ އެވަ ގިވަން ބޯޓު ސުއޭޒް ކެނަލްއަށް ހުރަސްވެފައިވަނީ ނެދަލޭންޑްސްގެ ރޮޓަޑަމް ބަނދަރަށް ދަތުރު ކުރަމުން ދިނަ މަގުމަތީއެވެ. 2018 ވަނަ އަހަރު ބަނދެފައިވާ މިބޯޓު އޮޕަރޭޓް ކުރަނީ ޓައިވާނުގެ ޓްރާންސްޕޯޓް ކުންފުނި އެވަގްރީން މެރިންއިންނެވެ. އެ ކުންފުނިން ބުނެފައި ވަނީ ބޯޓުގެ ކޮންޓްރޯލް ގެއްލި ކެނަލްގައި ހުރަސްވީ ގަދަ ވައިގެ ސަބަބުން ކަމަށެވެ.
ބޯޓު ހުރަސްވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލަށް ސުއޭޒް ކެނަލްއިން 1 ބިލިއަން ޑޯލަރު ހޯދަން ހުށަހަޅާނެކަމަށް ސުއެޒް ކެނަލް އޮތޯރިޓީން ވަނީ ބުނެފިއެވެ.



