ގައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތުގެ ބިންގަރާސްތަކަކަށް އިޒްރައިލުގެ ހަނގުރާމަމަތީ ބޯޓު ތަކުން ވައިގެ ހަމަލާތަކެއް ދީފި ކަމަށް އިޒްރައިލުގެ އަސްކަރިއްޔާއިން ބުނެފިއެވެ.
އިޒްރައިލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ މި ހަމަލާތައް އިއްޔެ ދީފައިވަނީ، ގައްޒާއިން އިޒްރައިލަށް ފޮނުވާލި ރޮކެޓް ހަމަލާ ތަކުގެ ރައްދުގައި ކަމަށެވެ. ނަމަވެސް މި ހަމަލާތަކުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުން ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
އިޒްރައިލުން ތުހުމަތު ކުރަނީ ހަމާސް ޖަމާއަތުން ކޮނެފައިވާ ބިންގަރާސްތައް ބޭނުން ކުރަމުންދަނީ ހަތިޔާރު އެތެރެ ކުރުމަށްޓަކައި ކަމަށެވެ. ނަމަވެސް އެ ޖަމާއަތުން ބުނަމުންދަނީ ބިންގަރާސްތައް ބޭނުން ކުރަމުންދަނީ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އެއްޗެހި އެތެރެ ކުރުމަށްޓަކައި ކަމަށެވެ.
މިދިޔަ މަހުގެ ވަރުގަދަ ކުރިމަތިލުންތަކަށް ފަހު އަނެއްކާވެސް އިޒްރައިލާއި ގައްޒާގެ މަޝްރަހު މިވަނީ ހޫނުވާން ފަށައިފައެވެ. މިގޮތުން އިޒްރައިލުންވަނީ މިދިޔަ ބުދަ ދުވަހު ގައްޒާގެ ރައްޔިތުން މަސްވެރިކަމަށް ނިކުމެ އުޅުންވެސް މަނާކޮށްފައެވެ.



