ޑްރައިވަރަކާއި ނުލައި ދުއްވި ޓެސްލާ ކާރެއް އެކްސިޑެންޓުވެ ދެމީހުން މަރުވެއްޖެ

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ޓެސްލާ ކާރެއް ގަހެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި އެ ކާރުގައި ހުރި ދެމީހުން މަރުވެއްޖެއެވެ.

އެމެރިކާގެ ޓެކްސަސްގައި ހިނގި މިހާދިސާއާއި ގުޅިގެން ފުލުހުން ބުނީ އެކްސިޑެންޓް ހިނގި ވަގުތު ކާރު ދެއްވުން އެއްވެސް މީހަކު ހުރިކަމަށް ނުބެލެވޭ ކަމަށާއި ކާރު ދެއްވައިފައިވަނީ ކާރު އަމިއްލައަށް ކަމަށެވެ.

އެކްސިޑެންޓް ހިނގި 2019 ޓެސްލާ މޮޑެލް އެސް އަކީ އަމިއްލައަށް ދުއްވުމުގެ ގާބިލުކަން ލިބިފައިވާ ކާރެކެވެ. ނަމަވެސް މި ސިސްޓަމް އަދި އެކީއެކަށް ފައްކާ ކުރެވިފައި ނުވާތީވެ އޮޓޯއިން ދުއްވި ނަމަވެސް ޑްރައިވަރ ސީޓުގައި މީހަކު ހުރުމަށް ޓެސްލާ ކުންފުނިން ބާރު އަޅައެވެ.

މިހާދިސާގައި މަރުވެފައިވަނީ އުމުރުން 50ގެ އަހަރުތައް ގުނަމުންދާ ދެ ފިރެހެނުންނެވެ. އެކްސިޑެންޓުވި ކާރު ބެލުމަށްފަހު ފުލުހުން ބުނީ ދެމީހުންވެސް ތިބީ ކާރުގެ ފަސިންޖަރ ސީޓުގައި ކަމަށެވެ.

ޓެސްލާއިން މިމައްސަލައިގައި މިހާތަނަށް އަދި ވަކިއެއްޗެއް ބުނެފައި ނުވާއިރު އެކްސިޑެންޓް ހިނގަން މެދުވެރިވީ ކާރުގައި ގާއިމު ކޮށްފައިވާ އަމިއްލައަށް ދުއްވުމުގެ ގާބިލުކަން ލިބިފައިވާ ސިސްޓަމުން ކަމެއް އަދި ދެނެގަނެވިފައެއް ނުވެއެވެ.

ޓެސްލާ ކުންފުނިން މަސައްކަތް ކުރަމުންދަނީ ކައިރި މުސްތަގްބަލެއްގައި އެކީއެކަށް ފައްކާކުރެވިފައިވާ އަމިއްލައަށް ދުއްވުމުގެ ގާބިލުކަން ލިބިފައިވާ ކާރެއް އުފެއްދުމުގެ މަސައްކަތެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ