އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ގިނަ ބާވަތްތަކެއް ރާއްޖެ އެތެރެ ކުރަން މަނާކުރުމާއިގުޅިގެން ނުލިބިދާނެކަމުގެ ބިރު ހީވި ސުޕާރީ އެންމެ ފަހުން ބިއްލޫރިފުޅީގައި ދިވެހިންނަށް ލިބޭގޮތް ހަދައިފިއެވެ.
އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން 2021 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން މަނާ ކުރާ 12 ބާވަތެއް ވަނީ އާންމު ކޮށްފައިވާއިރު، އެބާވަތްތަކުގެ ތެރޭގައި ސްޕާރީ ހިމެނުމުން އެތަށް ދިވެހިންނަަކަށް މާޔޫސްކަށް ގެނުވިއެވެ. އެހެނީ ސްޕާރީއަކީ ދިވެހިންގެ ހިތުގައި ބޮޑު ލޮއެއްބެތް ދެވިފައިވާ އެއްޗަކަށް ވާތީއެވެ. ސިއްހަތަށް އެއްވެސް ފައިދާއެއް ނުކުރި ނަމަވެސް، ސްޕާރީއަކީ ދިވެހިން އާންމުކޮށް ބޭނުންކުރާ އެއްޗެކެވެ. ޚާއްސަކޮށް ދިވެހި ޒުވާނުންގެ މެދުގައި ސްޕާރީއަށް އޮތް ލޯބި އެކުން ބޮޑެވެ. ވަކި ޖިންސެެއް ނެތިއެވެ.
އެހެންނަމަވެސް މިއަދު މިވަނީ ސްޕާރީއަށް ލޯބި ކުރާ މީހުންނަށް އުފާވެރިކަން ގެނެސްދީފައެވެ. ފިހާރަތަކުން ސުޕާރި އަޅާފައި ހުރި ބިއްލޫރި ފުޅިތައް މިހާރުދަނީ ވިއްކަމުންނެވެ. އޭގެތެރޭގައި 110 ގްރާމްގެ ފުޅީގެ އެކި ބްރޭންޑްތަކުގެ ސުޕާރީ ފުޅިތައް ހިމެނެއެވެ. މީގެން ސުޕާރީ ފުޅިއެއް ވިއްކަނީ 80 ރުފިޔާ އަށެވެ.

މިއީ ޕްލާސްޓިކާ ދުރަށް ދާން ދިވެހިން ކުރަމުންދާ މަސައްކަތުގައި ލިބުނު ކާމިޔާބެކެވެ.
ސުޕާރީ ޕެކެޓުގެ އިތުރުން ވެސް 11 ބާވަތެއްގެ އެއް ފަހަރު ބޭނުން ކޮށް އުކާލާ ޒާތުގެ ޕްލާސްޓިކު ރާއްޖެ އެތެރެ ކުރުން ވަނީ މަނާ ކޮށްފައެވެ.
އޭގެ ތެރެއިން ޖޫން 2021 ގައި މަނާ ކުރާ ތަކެއްޗަކީ:
- ދިޔާ ތަކެތި ބޯން ބޭނުންކުރާ ޕްލާސްޓިކް ހޮޅި
- ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ދިޔާތަކެތި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅުކާ
- ބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި
- ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު
- ޕްލާސްޓިކްގައި ބަންދުކޮށްފައި އިމްޕޯޓްކުރާ ސުޕާރީ
- 250 މިލިލީޓަރަށް ވުރެ ކުޑަ ސިންގަލް ޔޫސް ޕްލަސްޓިކް ތަށި
- ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު
- 50 މިލިލީޓަރާއި އެއަށްވުރެ ކުދި ޝޭމްޕޫ އަދި ސައިބޯނި ފުޅި
- ރާއްޖެއަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށް ވުރެ ކުދި ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ ބުއިމަށް ބޭނުން ކުރާ ދިޔާތަކެތި (ފެނާއި ލުއި ބުއިން ހިމެނޭ ގޮތަށް) އެވެ.



