އިލެކްޓްރިކް ކާރު އުފެއްދުމުގައި މައްޝޫރު ޓެސްލާ ކުންފުނިން ވިޔަފާރީގެ މުއާމަލާތްތައް ކުރުމުގައި ކުރިޕްޓޯ ކަރަންސީއެއް ކަމަށްވާ ބިޓްކޮއިން ބޭނުން ނުކުރަން ނިންމައިފައިވާކަމަށް އެ ކުންފުނީގެ ސީއީއޯ އެލަން މަސްކް ވިދާޅުވެއްޖެއެވެ.
ބިޓްކޮއިން ބޭނުން ކުރުން ހުއްޓާލައިފައިވާކަން ހާމަކޮށް އެލަން މަސްކް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މި ނިންމުން ނިންމަންޖެހުނީ ބިޓްކޮއިންގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކުގެ ސަބަބުން ކަމަށެވެ. މިގޮތުން، ބިޓްކޮއިން މައިން ކުރުމުގައާއި އަދި ޓްރާންސެކްސަންތައް ހެދުމުގައި ފޮސިލް ފިއުއަލް ގިނަ އަދަދަކަށް ބޭނުންކުރާ ކަމަށާއި ހާއްސަކޮށް ބޯޓުދެލި ބޭނުންކުރާ ކަމަށެވެ.
އެލަން މަސްކްގެ މި ޓުވީޓާއެކު ބިޓްކޮއިންގެ އަގުވަނީ ވަރަށް ބޮޑުތަނުން ދައްވާން ފަށާފައެވެ. މިގޮތުން 10 އިންސައްތައަށްވުރެ އިތުރަށް ބިޓްކޮއިންގެ އަގު ދައްވެފައިވާކަމަށް މާކެޓް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އަދި ހަމަމިއާއެކު ހިއްސާގެ ބާޒާރުގައި ޓެސްލާ ކުންފުނީގެ ހިއްސާގެ އަގުވެސްވަނީ ދައްވެފައެވެ.
ވިޔަފާރީގެ މުއާމަލާތްތަކުގައި ބިޓްކޮއިން ބޭނުން ނުކުރަން ޓެސްލާ ކުންފުނިން ނިންމައިފައި މިވަނީ، މާރޗް މަހު އެކުންފުނިން ވިޔަފާރީގެ މުއާމަލާތްތަކަށް ބިޓްކޮއިން ބަލައިގައްނާނެކަމަށް ނިންމުމަށްފަހުއެވެ. ޓެސްލާގެ މި ނިންމުމާއެކު އޭރުވެސް ބޮޑެތި ފާޑުކިޔުންތަކެއް ތިމާވެށީގެ ހައްގުގައި އަޑުއުފުލާ ފަރާތްތަކުންވަނީ ޓެސްލާ ކުންފުންޏަށް އަމާޒުވެފައެވެ.
ޓެސްލާކުންފުނިން މާރޗްމަހު ބިޓްކޮއިން ބޭނުން ކުރަން ނިންމުމުގެ ކުރިން ފެބުރުއަރީމަހު 1.5 ބިލިއަން އެމެެރިކާ ޑޮލަރުގެ ބިޓްކޮއިން ގަނެފައި ވެއެވެ. ޓެސްލާ ކުންފުނިން ބުނެފައިވަނީ އެ ކުންފުނިން ބިޓްކޮއިން އިތުރަށް ބޭނުން ނުކުރަން ނިންމި ނަމަވެސް ގަނެފައިވާ ބިޓްކޮއިންތައް ނުވިއްކާނެ ކަމަށެވެ. ބިޓްކޮއިން މައިން ކުރުމުގައި ތިމާވެއްޓާއި ރައްޓެހި ހަކަތަ ބޭނުން ކުރާނެ ދުވަހަކަށް ބޭނުން ކުރަން ބިޓްކޮއިންތައް ބަހައްޓާނީ ކަމަށެވެ.




