ޑިމަކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރު ކޮންގޯ) ގައި އީދު ދުވަހު ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން 29 މީހަކަށް މަރުގެ ހުކުމް އިއްވައިފިއެވެ.
މި ހަމަނުޖެހުންތައް ހިނގައިފައިވަނީ ޑީއާރު ކޮންގޯގެ ވެރިރަށް ކިންޝަސާގައެވެ. ހަމަނުޖެހުންތަކުގައި ފުލުހަކު މަރުވެ ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވެފައި ވެއެވެ.
ހަމަނުޖެހުންތައް ހިނގަން މެދުވެރިވީ އީދު ދުވަހުގެ އުފާކުރުމުގެ ހަރަކާތްތައް އިސްވެ ކުރާނީ ކޮންބަޔަކާމެދު އުފެދުނު ދެބަސްވުމުގެ ތެރެއިންނެވެ. ޑީއާރު ކޮންގޯގައި މަރުގެ ހުކުމް ތަންފީޒު ކުރުން ހުއްޓާލައިފައިވާތީވެ މަރުގެ ހުކުމް އިއްވި އެންމެންވެސް ތަންފީޒުކުރާނީ އުމުރު ދުވަހުގެ ޖަލު ހުކުމެވެ.
ޑީއާރު ކޮންގޯ ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދޭގޮތުގައި ހިނގި ހަމަނުޖެހުންތަކުގައި ގެއްލުން ލިބުނު ބަޔެއް ފަރާތްތައް އަދިވެސް އޮތީ ސީރިއަސް ހާލަތުގައެވެ. ހަމަނުޖެހުންތައް ކޮންޓުރޯލް ކުރުމަށް ފުލުހުން ކަރުނަގޭހާއި ރަބަރު ވަޒަން ބޭނުން ކޮށްފައި ވެއެވެ. މި ހަމަނުޖެހުންތަކާއި ގުޅިގެން 41 މީހަކު ހައްޔަރުކޮށް އެމީހުންގެ މައްޗަށް ދައުވާ ކޮށްފައި ވެއެވެ.
ހަމަނުޖެހުން ހިނގައިގެން ހައްޔަރުކުރި ފަރާތްތަކުގެ ޝަރީއަތް ލައިވްކޮށް ދައްކައިފައި ވެއެވެ. އަދި ހުކުރު ދުވަހުގެ މުޅިރޭ ޝަރީއަތުގެ މަޖިލިސްގައި ޝަރީއަތް ކުރިއަށް ގެންގޮސްފައި ވެއެވެ.



