މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ހެޑްކްއާޓަރ، ބަންޑާރަކޮށީގައި ހުންނަ ބޮޑު ސްރީންގައި ފަލަސްތީންގެ ބޮޑު ދިދަ އަޅުވައިފިއެވެ.
އެމްއެންޑީއެފުގެ ބޮޑު ސްކްރީންގައި ފަލަސްތީނުގެ ދިދަ ދިއްލީ، ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެދިވަޑައިގަތުމުގެ މަތިންނެވެ. ބޭނުމަކީ ފަލަސްތީނުގެ ގައުމުގެ ރައްޔިތުންނާ އެކު ދިވެހިން ތިބިކަން އެންގުމަށް މިއަދު މާލެ އާއި ގިނަ ރަށްތަކެއްގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި ބައިވެރިވެ، އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތައް ކުއްވެރިކޮށް، ދިވެހިން ތިބީ ފަލަސްތީނާއި އެކުގައިކަން ހާމަކުރުމެވެ.

ފަލަސްތީންއާއެކު ދިވެހިން ތިބިކަން ހާމަކުރުމަށް “ފަލަސްތީނާއެކު ދިވެހިން” ގެ ނަމުގައި މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިވެންޓެއް ކުރިއަށް ގެންގޮސްފައެވެ. މިއިވެންޓަށް ދިވެހި ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާއިރު، އެކަން ދިވެހިންގެ މީސް މީޑިއާ އެކައުންތަކުން ސާފުވެގެން ދެއެވެ. ފަލަސްތީނުގެ ދިދައާއެކު އަދި އިޒްރޭލް ކުށްވެރިކޮށް ތަފާތު ޕޯސްޓަރުތަކާއެކު ދިވެހިން ނަގާފައިވާ ފޮޓޯތައް މީސް މީޑިއާގައި ޙިއްސާކުރަމުން ފަލަސްތީނު މިނިވަން ކުރުމަށް ދިވެހިން ދަނީ ހަރު އަޑުން ގޮވަމުންނެވެ.
މިދިޔަ ހޯމަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. ދުނިޔޭގެ ގިނަ ގައުމުތަކުން ގެންދަނީ އިސްރާއީލްގެ އަމަލުތައް ކުށްވެރި ކުރަމުންނެވެ. ފަލަސްތީނުގެ ބިންތަކަށް ވެރިވެގަންނަށް އިޒްރާއީލުން ކުރަމުންދާ މަސައްކަތުގައި ފަލަސްތީނުގެ މައުސޫމު އެތައް ކުޑަކުދިންނާއި އަންހެނުންނެއް ޝަހީދުކޮށް، މުސްލިމުންގެ މުގައްދަސް އަގްސާ މިސްކިތައް ވެސް ވަނީ ހަމަލާ ދީފައެވެ.




