ހަތަރުމަހަށްފަހު އިންޑޮނޭޝިއާއިން އީރާނުގެ ތެޔޮ ޓޭންކަރު ދޫކޮށްލައިފި

ގަވާއިދާހިލާފަށް އިންޑޮނޭޝިއާގެ ކަނޑުގެ ސަރަހައްދުން ތެޔޮ އުފުލާކަމުގެ ތުހުމަތުގައި ޖެނުއަރީމަހުގެ ފަހުކޮޅު އިންޑޮނޭޝިއާގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންދިޔަ އީރާނުގެ ތެޔޮ ޓޭންކަރު ދޫކޮށްލައިފިއެވެ.

ނޭޝަނަލް އީރާނިއަން ޓޭންކަރ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމް.ޓީ ހޯސް އާއި ފަޅުވެރިން 125 ދުވަހަށްފަހު ދޫކޮށްލައިފައިވާ ކަމަށާއި އީރާނުގެ އިސް އޮފިސަލުންނާއި ގައުމުގެ ހާރިޖީ ވުޒާރާއިން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ފެނިފައިވާ ކަމަށެވެ.

ނޭޝަނަލް އީރާނިއަން ޓޭންކަރ ކުންފުނިން އިތުރަށް ބުނީ އެމް.ޓީ ހޯސް އިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މިޝަންއާއިގެން މިހާރު ކުރިއަށްދާ ކަމަށާއި އެ މިޝަން ނިމުނުހާ އަވަހަކަށް އީރާނުގެ ކަނޑުގެ ސަރަހައްދަށް ވައްނާނެ ކަމަށެވެ. މީގެއިތުރުން އެމް.ޓީ ހޯސްގެ ފަޅުވެރިންނަށް ދިމާވި ދަތި އުނދަގޫތަކަށްފަހުވެސް ގައުމުގެ ހައްގުގައި މަސައްކަތްކޮށްފައިވާކަން ފާހަގަ ކޮށްފައި ވެއެވެ.

އީރާނުގެ ތެޔޮ ޓޭންކަރާއެކު އިންޑޮނޭޝިއާގެ ކޯސްޓްގާޑުން ޕެނަމާގައި ރަޖިސްޓްރީ ކޮށްފައިވާ ބޯޓެއްވެސް އެމީހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވެއެވެ. ބޯޓުތައް އިންޑޮނޭޝިއާގެ ބެލުމުގެ ދަށަށް ގެނަ ޚަބަރާއެކު އީރާނުން ފުރަތަމަވަނީ އެކަމަށް އެއްބަސްވުމަށް ދެކޮޅު ހަދާފައެވެ. މިގޮތުން އީރާނުގެ އޮފިޝަލުން ބުނެފައިވަނީ ތެޔޮ ޓޭންކަރަށް ދިމާވެފައިވަނީ ޓެކްނިކަން މައްސަލައެއް ކަމަށެވެ. އަދި މިފަދަ މައްސަތައް ކަނޑުދަތުރުކުރާ ބޯޓުފަހަރުގައި ދިމާވާ ކަމަށެވެ.

އީރާނުގެ ހާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރިފް އޭޕްރީލް މަހުގެ ތެރޭ އިންޑޮނޭޝިއާއަށް ޒިޔާރަތް ކޮށްފައި ވެއެވެ. މި ޒިޔާރަތުގައި އިންޑޮނޭޝިއާ ސަރުކާރުގެ އިސްއޮފިޝަލުންނާއި އަދި އިންޑޮނޭޝިއާ ރައީސް އާވެސް ބައްދަލުކޮށްފައި ވެއެވެ. ނަމަވެސް މި ބައްދަލުވުންތަކަކީ ތެޔޮ ޓޭންކަރާއި ގުޅޭގޮތުން ބޭއްވުނު ބައްދަލުވުންތަކެއް ކަމަށް ބުނުމަށް އޭރުވަނީ އިންކާރު ކޮށްފައެވެ.

އީރާނާއި ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި އީރާނުން އުފައްދާ ތެޔޮ އެހެން ގައުމުތަކަށް ބޭރުކުރުން މަނާކުރުން ހިމެނެއެވެ. ނަމަވެސް އީރާނުން އައްނަނީ ތަފާތު ގޮތްގޮތައް އެގައުމުގެ ތެލުގެ ވިޔަފާރި ކުރަމުންނެވެ. މީގެތެރޭގައި އީރާނުން ތެޔޮ ބޭރުކުރުމަށް ބޭނުންކުރާ އުޅަނދު ފަހަރުގެ ޓްރެކިން ސިސްޓަމް ނިއްވާލައިގެން ދަތުރުކުރުން ހިމެނެއެވެ.

މިދިޔައަހަރު އެމް.ޓީ ހޯސް ތެޔޮ ޓޭންކަރުގައި އީރާނުންވަނީ ވެނެޒިއުލާއަށް 2.1 މިލިއަން ފީފާގެ ތެޔޮ ބޭރުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ