އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަގާމުން ދުރުކުރުމަށް، އާ ސަރުކާރެއް އެކުލަވާލުމަށް އެގައުމުގެ އިދިކޮޅު ޕާޓީތަކުން ކޯލިޝަން ހެދުމުގެ އެއްބަސްވުމުގައ އެންމެ ފަހުވަގުތު ސޮއިކޮށްދިއެވެ.
އެއާއެކު، އިސްރާއީލްގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ 12 އަހަރުގެ ވެރިކަމަށް ނިމުން އަންނާނެކަން ކަށަވަރުވެއްޖެއެެވެ.
ބީބީސީ އިން ރިޕޯޓުކޮށްފައިވާގޮތުގައި، އިދިކޮޅު ޕާޓީ ސެންޓްރިސްޓް ޕާޓީގެ ލީޑަރ ޔާއިރް ލަޕިޑް ވަނީ، ކޯލިޝަން ސަރުކާރެއް އެކުލަވާލެވޭ ވަރަށް ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން ހަމަކުރެވުނުކަމަށް އިއުލާންކޮށްފައެވެ.
ސިޔާސީ ލީޑަރު ލެޕިޑް ކޯލިޝަން ސަރުކާރު އެކުލަވާލުމަށް އެއްބަސްވެފައިވަނީ، އަލްޓްރާ-ނޭޝަނަލިސްޓް ލީޑަރ ނަފްތާލީ ބެނެޓްއާއެކުއެވެ. އަދި ކޯލިޝަން ސަރުކާރު އެކުލަވާލުމާއެކު، ކޯލިޝަން ސަރުކާރުގައި އެންމެ ފުރަތަމަ ދެއަހަރު ބޮޑުވަޒީރުކަން ކުރުމަށް ހަމަޖެހިފައިވަނީ ބެނެޓްއެވެ. އަދ ދެ އަހަރު ފަހުން ބޮޑުވަޒީރުކަން ކުރުމަށް ހަމަޖެހިފައިވަނީ ލަޕިޑް ކަމަށްވެސް މީޑިއާއިން ވަނީ ރިޕޯޓުކޮށްފައެވެ.
ކޯލިޝަން ގާއިމްކުރެވުނަސް، އަދި ސަރުކާރެއް އެކުލަވާލުމަށް މަޖިލީހުގެ ވޯޓު ބޭނުންވާނެއެވެ. އިޒްރާއީލު ޕާލަމެންޓު މެންބަރުންގެ އަދަދަކީ 120 އެވެ. ބެނެޓްގެ ޔަމިނާ ޕާޓީއިން ޕާލަމެންޓުގައި 6 މެންބަރުން ތަމްސީލް ކުރެއެވެ. މި 6 މެންބަރުންގެ ތާއީދު އިދިކޮޅު ކޯލިޝަނަށް ލިބިއްޖެނަމަ މިހާރުގެ ބޮޑުވަޒީރު ނަތަންޔާހޫ މަގާމުން ދުރުކުރެވޭނެއެވެ.




