އިންޑިއާނާ ތީމް ޕާކްގައި ހުންނަ ރޯލާ ކޯސްޓާއެއް ދުއްވި އަންހެނަކު މަރުވެއްޖެއެވެ.
ހަބަރުތަކުގައި ރިޕޯޓުކޮށްފައި ވާގޮތުގައި، 47 އަހަރުގެ މި އަންހެން މީހާ ރޯލާ ކޯސްޓާ ދުއްވުމަށްފަހު، ހޭނެތިފައި ހުއްޓާ ފެނިފައިކަމަށެވެ.
އޭނާ ހޭނެތިފައި ހުއްޓާ ފެނިފައިވަނީ ރޯލާ ކޯސްޓާގެ ދަތުރު ފުރިހަމަކޮށް އަނބުރާ ސްޓޭޝަނަށް އައި ވަގުތުއެވެ.
އޯހިއޯ ރައްޔިތެއްކަމުގައިވާ މި އަންހެންމީހާ ހޭނެތިފައި އޮތުމުން ގެންގޮސްފައިވަނީ މެމޯރިއަލް ހޮސްޕިޓަލަށެވެ. އަދި ގެންދިޔަތާ ގަޑިއިރެއްހާ ފަހުން އޭނާ ވަނީ މަރުވެފައެވެ.
ތީމް ޕާކުން ނެރުނު ސްޓޭޓްމެންޓެއްގައި ބުނީ، މިކަމާއި ގުޅިގެން ރޯލާ ކޯސްޓާގެ ފުލް އިންސްޕެކްޝަން އެއް ކުރިއަށް ގެންގޮސްފައިވާކަމަށާއި، އަދި ރޯލާ ކޯސްޓާގެ އެއްވެސް މައްސަލައެއް ޖެހިފައިވާ ކަމަށް ފާހަގަވެފައި ނުވާކަމަށެވެ.
މަރުވި އަންހެންމީހާގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދާފައިވާއިރު، ނަތީޖާ އަދި ހާމަނުކުރެއެވެ.
އަންހެންމީހާ މަރުވުމުން އޭނަގެ އާއިލާއަށް އިހުތިރާމްކުރުމުގެ ގޮތުން ރޯލާ ކޯސްޓާ ދުއްވުން އެދުވަހު ވަނީ ބަންދުކޮށްފައި ކަމަށް ޕާކުން ވަނީ ހާމަކޮށްފައެވެ.
މި ހާދިސާ ހިނގީ މިދިޔަ ހުކުރު ދުވަހުއެވެ.



