މިއަހަރުގެ ފެބުރުއަރީ މަހު ގިނީގައި ފެތުރެންފެށި އެބޯލާ ބަލިމަޑުކަން ކޮންޓްރޯލްވިކަން އެގައުމުން ހާމަކޮށްފިއެވެ.
ފެބުރުއަރީމަހު އެގައުމުން އެބަލި ފެނުނުފަހުން މުޅި ޖުމްލަ އެބަލި ޖެހިގެން ރިކޯޑްކޮށްފައިވަނީ 16 މީހުންނެވެ. އަދި މިބަލީގައި 12 މީހުންވަނީ މަރުވެފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާގެ ފަރާތުން ގިނީގައި ހަރަކާތްތެރިވާ އޮފިޝަލެއް ކަމަށްވާ، އަލްފްރެޑް ކިޒަރްބޯ މިއަދު އޮތް ހާއްސަ ރަސްމިއްޔާތެއްގައިވަނީ ގިނީގައި އެބޯލާ ބަލިމަޑުކަން ފެތުރުން މުޅިން ހުއްޓިފައިވާކަން އިއުލާން ކުރައްވައިފައެވެ.
ސިއްހީ އިދާރާތަކުން ގިނީގައި އެބޯލާ ބަލިމަޑުކަން ކޮންޓްރޯލުން ނެއްޓި ދިއުމުގެ ކުރިން ކޮންޓްރޯލް ކޮށްފައި މިވަނީ މީގެ ކުރީފަހަރު ގިނީގައި މިބަލި ފެތުރިގެން ދިޔަ ފަހަރު ލިބުނު ފިލާވަޅުތަކުގެ އަލީގައި ކަމަށް އެ އިދާރާތަކުން ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދެއެވެ.
މިގޮތުން 2014 ވަނަ އަހަރުން 2016 ވަނަ އަހަރާއި ދެމެދު ގިނީގައި އެބޯލާގެ ބަލިމަޑުކަން ފެތުރިގެން ގޮސްފައި ވެއެވެ. ނަމަވެސް އެފަހަރާއި ހިލާފަށް މިފަހަރު ގިނީއިން އެހެން ގައުމަކަށް މިބަލި ފެތުރިގެން ގޮސްފައެއް ނުވެއެވެ. މިކަން ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާގެ އެންމެ އިސްވެރިޔާވެސް ފާހަގަ ކުރައްވައިފައި ވެއެވެ.
2014 ވަނަ އަހަރުން 2016 ވަނަ އަހަރަށް ފެތުރުނު އެބޯލާ ބަލިމަޑުކަމުގައި 11،300 މީހުން މަރުވެފައި ވެއެވެ. މިބަލީގައި އެފަހަރު މީހުން މަރުވި ގައުމުތަކުގެ ތެރޭގައި ހިމެނެނީ ގިނީ، ސެރެ ލިއޯން، އަދި ލައިބީރިއާއެވެ. އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައިވަނީ ގިނީއިންނެވެ.
އެބޯލާ ބަލީގައި އާންމުކޮށް އައްނަނީ ގަދަ ހުމެކެވެ. ނަމަވެސް ބަޔެއް ފަހަރަށް ހުއްޓުމެއްނެތި ހަށިގަނޑުން ލޭ ބޭރުވެއެވެ.




