މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ނަރީޝް އިންތިޚާބުކޮށްފިއެވެ.
ނަރީޝް އެ މަޤާމަށް އިންތިޚާބު ވެފައި ވަނީ 12 ކައުންސިލަރުންގެ ވޯޓުންނެވެ.
ނަރީޝްއާއި އެކު ޑެޕިއުޓީ މޭޔަރަކަށް ދެން ވާދަކޮށްފައި ވަނީ އެމްޑީޕީގެ ފަރާތުން މައްޗަންގޯޅި ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ޒަމީރެވެ. އޭނާއަށް ލިބިފައި ވަނީ 7 ވޯޓެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލްގެ ގޮނޑިތައް ޕީޕީއެމްގެ 12 ކެނޑިޑޭޓަރު ވަނީ ކާމިޔާބު ކޮށްފައެވެ. އަދި ވެރިކަން ކުރަމުން އަންނަ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ އެންމެ 6 ގޮނޑިއެވެ.
ނަމަވެސް މި މަހުގެ ތެރޭގައި މާލެ ސިޓީ ކައުންސިލްގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ގޮނޑި ކާމިޔާބު ކުރެއްވި އާމިނަތު ޔުމްނާ ވަނީ ޕީޕީއެމްއާއި ގުޅިވަޑައިގެންފައެވެ. އެއާއި އެކު މިހާރު މާލެ ސިޓީ ކައުންސިލްގައި ޕީޕީއެމްގެ 13 މެންބަރަކު ތިއްބަވައެވެ.
ނަމަވެސް މާލޭ ސިޓީ އަށް ޑެޕިއުޓީ މޭޔަރަކު ނެގުމަށް މިއަދު ބޭއްވުނު އިންތިޚާބުގައި ޕީޕީއެމްގެ މެންބަރަކު ވަނީ އެމްޑީޕީގެ ކެނޑީޑޭޓަށް ވޯޓު ދެއްވާފައެވެ. އެހެން ކަމުން އެމްޑީޕީގެ ކެނޑިޑޭޓަށް ވަނީ 7 ވޯޓް ލިބިފައެވެ.
މި ވޯޓަކީ ސިއްރު ވޯޓެއްކަމުން އެމްޑީޕީގެ ކެނޑިޑޭޓަށް ވޮޓް ދެއްވާފައި ވަނީ ކޮންމެންބަރެއް ކަމެއް ސާފެއް ނުވެއެވެ.
މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ހޮވުމަށް ނެގުނު ވޯޓުގެ ނަތީޖާ pic.twitter.com/xcf99hV5ep
— Male' City Council (@MaleCitymv) June 21, 2021
ޕީޕީއެމްގެ ފަރާތުން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރުކަމަށް ވާދަކުރައްވާނެ ފަރާތެއް ކަނޑައެޅުމަށް އިއްޔެ ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ޕީޕީއެމްގެ 3 މެންބަރަކު ވަނީ ޑެޕިއުޓީ މޭޔަރ ކަމަށް ޝައުވެރިކަން ފާޅު ކުރައްވާފައެވެ. ނަމަވެސް ޕީޕީއެމް އިން އާންމުކޮށްފައިވާ އުޞޫލާއި އެއްގޮތަށް ނަރީޝް ވަނީ އެންމެ ގިނަ ވޯޓް ހޯއްދަވައިގެން އެ މަޤާމަށް އޭނާ ގެ ނަން ހޮވިފައެވެ.
ނަރީޝްގެ އިތުރުން ޕީޕީއެމް އިން އެ މަޤާމަށް ދެން ޝައުޤުވެރިކަން ފާޅު ކުރައްވާފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު ނަހުލާ ޢަލީއާއި، ހުޅުމާލެ ދާއިރާގެ މެންބަރު އިބްރާޙިމް ޝުޖާޢުއެވެ.




