ބޮލީވުޑްގެ ކުޅަދާނަ ބަތަލާ، އާލިއާ ބަޓް ވަރަށް ތަފާތު ރޯލަކުން ފެނިގެންދާނެ ފިލްމް، "ގަންގޫބާއި" ގެ ޝޫޓިން އޭނާ ނިއްމާލައިފިއެވެ.
މި ފިލްމަކީ، ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓްކޮށް ޖަޔަންތީލާލް ގަޑާ ޕްރޮޑިއުސްކުރާ ފިލްމެކެވެ. މި ފިލްމުގެ ލީޑް ރޯލު ކުޅެނީ އާލިއާ ބަޓެވެ.
މި ފިލްމްގެ މަސައްކަތް 2019 ވަނަ އަހަރު ފެށިނަމަވެސް، ފިލްމް ލަސްވެގެން ދިޔައީ ކޮވިޑް ޕެންޑެމިކާއި ގުޅިގެންނެވެ. އެގޮތުން ޑައިރެކްޓަރ ސަންޖޭ އާއި އާލިއާވެސް ޝޫޓިން ކުރިއަށްދަނިކޮށް ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.
މީގެ ދެ ދުވަސްކުރިން އާލިއާ އިންސްޓަގްރަމްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ، 2019 ވަނަ އަހަރުގެ ޑިސެމްބަރު 8 ގައި މި ފިލްމްގެ ޝޫޓިން ފެށި މި ފިލްމްގެ މަސައްކަތް 2 އަހަރު ފަހުން ނިއްމާލެވިފައިވާ ކަމަށެވެ. އަދި ދަތި އުނދަގުލާއެކު މި ފިލްމްގެ މަސައްކަތް ނިއްމާލެވުމަކީ ދިރިއުޅުން ބަދަލުކޮށްލި ފަދަ ތަޖުރިބާއެއް ކަމަށް އާލިއާ ވަނީބުނެފައެވެ.
މި ފިލްމަކީ އިންޑިއާގެ ކުރީގެ ވަރަށް މަޝްހޫރު އަންހެން ގޭންގްސްޓާރު ގަންގޫބާއީ ކޮތޭވާލީގެ ވާހަކަ ކިޔައިދޭ، ލިޔުންތެރިޔާ އެސް ހުސައިން ޒައިދީގެ ފޮތް "މާފިއާ ކްއީންސް އޮފް މުމްބާއީ"ގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ.



