އޯޒޯން ފަށަލައަށް ގެއްލުންދޭ ކެމިކަލް މާއްދާއެއް ކަމުގައިވާ އެޗް.ސީ.އެފް.ސީ ރާއްޖޭގައި ބޭނުންކުރުން އެއްކޮށް ހުއްޓާލައިފިއެވެ. ދިވެހިރާއްޖެއަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ތެރެއިން އެޗް.ސީ.އެފް.ސީ ބޭނުންކުރުން ހުއްޓާލި ފުރަތަމަ ޤައުމެވެ.
އެޗް.ސީ.އެފް.ސީ ރާއްޖޭގައި ބޭނުންކުރުން އެއްކޮށް ހުއްޓާލުމާގުޅިގެން އެކަމުގެ ކާމިޔާބީ ފާހަގަކުރުމަށް "އަ ކޫލް މޫވް، މޯލްޑިވްސް ކުއިޓްސް އެޗް.ސީ.އެފް.ސީ" ނަމުގައި ވަރޗުއަލްކޮށް އިއްޔެ ވަނީ ރަސްމިއްޔާތެއްވެސް ބާއްވަފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވީ، އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ޤައުމުތަކުން ބޭނުންކުރުން ހުއްޓާލުމަށް 1989 އެކުލަވާލި މޮންޓްރިއާލް ޕްރޮޓޯކޯލުގައި ހިމެނޭ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި ދިވެހިރާއްޖެއަކީ އަބަދުވެސް ނަމޫނާ ދައްކަމުންދާ ޤައުމެއްކަމަށެވެ. އެގޮތުން ކުލޯރޯފުލޯރޯކާބަންސް، ސީ.އެފް.ސީ ފޭސް-އައުޓް ކުރުމަށް ޝެޑިއުލްކޮށްފައިވާ މުއްދަތައްވުރެ ދެ އަހަރުކުރިން 2008 ވަނަ އަހަރު ރާއްޖޭން މި އަމާޒަށް ވާޞިލުވެފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ޕްރޮޓޮކޯލްގެ ދަށުން 2030 ގެ ނިޔަލަށް ތަރައްޤީވަމުން އަންނަ ޤައުމުތަކުން ހައިޑްރޯފްލޯރޮކާބަންސް، އެޗް.ސީ.އެފް.ސީ ފޭސް-އައުޓްކުރުމަށް ކަނޑައަޅާފައިވާއިރު، އެ މުއްދަތުގެ 10 އަހަރު ކުރިން 2020 ވަނަ އަހަރު ރާއްޖޭން މި ލަނޑުދަނޑިވެސް ޚާޞިލުކޮށްފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، މިއީ މޫސުމަށް އަންނަ ބަދަލުތަކާއި ދުނިޔެ ހޫނުވުމާ ގުޅިގެން ގުދުރަތީގޮތުން ކުރިމަތިވާ ނުރައްކާތަކާއި އެންމެ ބޮޑަށް ކުރިމަތިލާންޖެހޭ ރާއްޖެފަދަ ބިންތިރި ޖަޒީރާ ޤައުމަކުން އެހެން ޤައުމުތަކަށް ދެއްކި މުހިއްމު ނަމޫނާއެއްކަމަށެވެ.
މީގެ އިތުރުން، ރާއްޖޭގައި ހައިޑްރޯފްލޯރޯކާބަންސް (އެޗް.އެފް.ސީ) ބޭނުންކުރުން ހުއްޓާލުމުގެ ވިސްނުން އެބަހުރިކަމަށާ، އެކަމަށް ބޭނުންވާ ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވަނީ މި ރަސްމިއްޔާތުގައި ވިދާޅުވެފައެވެ.




