އީދު ނަމާދު މާލެ ސަރަހައްދުގެ 39 މިސްކިތެއްގައި ކުރާނެ!

ކުރިއަށް އޮތް އަޟްހާ އީދު ދުވަހު، ބޮޑު އީދު ނަމާދު މާލެ ސަރަހައްދުގެ 39 މިސްކިތެއްގައި ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

މާލެ ސަރަހައްދުގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރިއަށް ނުގެންދާ ގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމައިފައިވީނަމަވެސް، މިސްކިތްތަކުގައި އީދު ނަމާދު ކުރާ ގޮތަށް މިނިސްޓްރީން ވަނީ ހަމަޖައްސައިފައެވެ.

އެގޮތުން މާލޭ ސިޓީގައި 1442 ވަނަ އަހަރު އަޟްޙާ ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކުގެ ލިސްޓް މިނިސްޓްރީން މިހާރު ވަނީ އާއްމުކޮށްފައެެވެ. މީގެ އިތުރުން އަންހެންބޭފުޅުންނަށް އީދު ނަމާދުކުރެވޭނެގޮތަށް ހަމަޖެހިފައިވާ މިސްކިތްތައްވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މާލެ ސަރަހައްދުގެ އިތުރުން މޮނިޓަރިން ހާލަތުގައި އޮތް ރަށްރަށުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރާނެކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ ރަށްރަށުގައިވެސް އެޗްޕީއޭގެ ގައިޑްލައިންއާއި އެއްގޮތަށް މިސްކިތްތަކުގައި އީދު ނަމާދުކުރެވޭނެއެވެ.

މިދިޔަ އަހަރުވެސް ބޮޑު އީދު ނަމާދާއި ކުޑަ އީދު ނަމާދުވެސް މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި ކޮށްފައެއްނުވެއެވެ.

މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުނުކުރި ކަމުގައިވިޔަސް، މިހާރު އޮތް އުސޫލާ އެއްގޮތަށް ގައިދުރުކަމާއެކު މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ