ރޯމާގެ ޑިރެކްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވައި، 30 އަހަރަށްފަހު އެކްލަބު ދޫކޮށްލަން ފްރެންސެސްކޯ ޓޮޓީ ނިންމާފައިވާއިރު އެއީ "މަރުވުން" ކަހަލަކަމެއްކަމަށް ޓޮޓީ ބުނެފިއެވެ.
އުމުރުން 12 އަހަރުގައި ރޯމާގެ ޔޫތު އެކަޑަމީއާ ގުޅުނު ޓޮޓީގެ މުޅި ކެރިއަރު ހޭދަކޮށްފައިވަނީ ރޯމާގައެވެ.
2017 ވަނަ އަހަރު ކުޅުން ހުއްޓާލުމަށް ފަހު ވެސް ޑިރެކްޓަރެއްގެ ގޮތުގައި ކްލަބުގައި މަސައްކަތްކުރަން ފެށި ޓޮޓީ އިއްޔެ އިސްތިއުފާދިނީ އޭނާ އެކަހެރިކޮށް ކްލަބްގެ އެއްވެސް ނިންމުމެއްގައި ބައިވެރިކޮށްފައިނުވާތީ ކަމަށް ބުނެއެވެ.
ޓޮޓީ އިތުރަށް ބުނެފައިވަނީ ރޯމާގެ ރައީސް ޕަލޮއްޓާ ވަށައިގައިން އެތިބީ ރަނގަޅު ބައެއް ނޫންކަމަށާއި އެހެން ނަމަވެސް ޕަލޮއްޓާ ޤަބޫލުކުރަނީ ހަމައެކަނި އެމީހުން ބުނާ އެއްޗެހިކަމަށެވެ. ކޮންމެ މީހަކަށްވެސް ކުށެއް ކުރެވިދާނެކަމަށާއި އެކަމަކު 8 އަހަރު ވަންދެއް އެކަން ތަކުރާރުވުމުން ކަމެއް ގޯސްކޮށް ހިނގާކަމަށްބުނެ އަމިއްލަ ނަފްސާއި ސުވާލުކުރެވެންޖެހޭނެކަމަށްވެސް ޓޮޓީވަނީ ބުނެފައެވެ.

"މިއީ ކުޅުން ހުއްޓާލުމަށްވުރެ މާ ހިތްދަތިކަމެއް، ރޯމާ ދޫކޮށްލުމަކީ މަރުވުން ކަހަލަ ކަމެއް." ޓޮޓީ ބުންނޭވެ.
ރޯމާގެ ޑިރެކްޓަރުކަމުގެ މަޤާމުން އިސްތިއުފާ ދީފިންކަމަށާއި މިދުވަސް ދުވަހަކުވެސް ނާންނާނެކަމަށް އެންމީދުކުރި ކަމަށްވެސް އުމުރުން 42 އަހަރުގެ ޓޮޓީ ބުންޏެވެ.
30 އަހަރު ރޯމާގައި ހޭދަކުރި ޓޮޓީ އެކްލަބަށް 785 މެޗު ކުޅެދީ 307 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ. ރޯމާއާއެކު ސީރީއާ 2001 ވަނަ އަހަރު ކާމިޔާބުކުރިއިރު ކޮޕާ އިޓާލިއާ ދެފަހަރެއްގެ މަތިން ކާމިޔާބުކޮށްފައިވެއެވެ.
ޓޮޓީ ރޯމާ ދޫކޮށްލިއިރު އެ ކްލަބަށް ކުޅެމުން އައި ތަޖުރިބާކާރު މިޑްފީލްޑަރު ޑިރޮސީ ވެސް ވަނީ 18 އަހަރަށްފަހު ރޯމާ ދޫކޮށްލާފައެވެ.




