އެހެން ރަށްރަށަށް ގޮސް ކިޔަވައިދޭން ބޭނުންވާ ޓީޗަރުންނަށް އެލަވަންސްއެއް ދޭން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ދިރާސީ އާ އަހަރާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، މާލެ ކަހަލަ ބޮޑެތި ސިޓީތަކުގައި ޤުރުއާން އަދި އިސްލާމް ކިޔަވައިދެއްވާ ޓީޗަރުން އެބަ ތިބި ކަމަށާއި އެހެން ނަަމަވެސް ކުދި ރަށްރަަށަށް ޓީޗަރުން ހޯދައި އެރަށްރަށަށް ދާނެ ޓީޗަރުން ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
"....އަޅުގަނޑުމެން ރައީސުލްޖުމްހޫރިއްޔާ ހަމަ ހާއްސަ އިސްކަމެއް ދެއްވައިގެން ހުއްދަ ދެއްވައިފި އަޅުގަނޑުމެންގެ އެދުމަކަށް އެހެން ރަށަކަށް ގޮސް ކިޔަވައިދޭ މުދައްރިސަކަށް ވެއްޖިއްޔާ އިތުރު އެލަވަންސެއް އެބޭފުޅަކަށް ދޭން. މިހާރު އެކަން އޮތީ ހަމަޖެހިފައި" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރ އައިޝަތު ވިދާޅުވީ، ޓީޗަރުން ލިބުމުގައި ހުރި ދަތިކަން ހައްލު ކުރުމުގެ ގޮތުން ޓީޗަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް މި މަހުގެ ތެރޭގައި ފެށިގެން ދާނެ ކަމަށެވެ.
"ހާއްސަކޮށް ގުރުއާން ޓީޗަރުން ތަމްރީންކުރުމުގެ ޕްރޮގްރާމެއް މިއީ އިސްލާމިކް ޔުނިވާސިޓީ އާއި ގުރުއާނާ ބެހޭ މަރުކަޒާ ގުޅިގެން. އަޅުގަނޑުމެން މި ބުރުގައި 200 މުދައްރިސުން، ހާއްސަކޮށް ގުރުއާން މުދައްރިސުން ބޭނުންވާ ރަށްތަކަށް ފޯކަސްކޮށްގެން އެ ރަށްތަަކުގައި މި ޕްރޮގްރާމް ހިންގުމުގެ މަސައްކަތް މިހާރު މިވަނީ ފަށައިފައި" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ޓީޗަރުން ލިބުމުގައި ހުރި ދަތިތަކަށް އަލިމަގެއް ފެނޭތޯ މިހާރު މަސައްކަތް ފަށައިފައިވާ ކަމަށެވެ.




