މިއަދު ދުނިޔޭގެ ކުރިމަތީގައި އިސްލާމީ އުންމަތް ނިކަމެތިވެ ބާރުކެނޑިގެން ދިޔައީ، އިސްލާމީ އަޚްވަންތަކަމުގެ ގުޅުންތައް ދެމެހެއްޓުމުގައި އަޅުގަނޑުމެންނަށް ފަރުވާކުޑަކުރެވުމުގެ ސަބަބުން، އިސްލާމީ އުންމަތް ބައިބައިވެފައިވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވެފައި ވަނީ ހިޖްރައިން 1443 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް މިއަދު ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ.
ރައީސް ވިދާޅުވީ، ނަބަވީ ހިޖްރައިން އިސްލާމީ އުންމަތަށް އުނގަންނައިދިން އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ފިލާވަޅަކީ، ރަޙިމުގެ ގުޅުމާއި ގާތްތިމާގެ ކަމުގެ ގުޅުމުގެ އިތުރުން، އެންމެހައި މުސްލިމުންނަކީ، އިންސާނީ އަޚްވަންތަކަމާއި، މާތް اللهُގެ އެއްކައުވަންތަކަމުގެ ޢަޤީދާއިން ގުޅިލާމެހިފައި ތިބި ބައެއް ކަމެވެ.
އޭގެ އިތުރުން، ތަރައްޤީއާއި ތަހުޒީބުގެ ގޮތުން މުޅި ދުނިޔެއަށް އިންޤިލާބީ ބަދަލުތަކެއް ގެނެސްދިން އުންމަތަކަށް، އިސްލާމީ އުންމަތް ވެގެން ދިޔައީ، އެ މަތިވެރި ގުޅުމުގެ މަތީގައި މުސްލިމުން ދެމިތިބުމުގެ ސަބަބުން ކަމުގައި ރައީސް ވިދާޅުވިއެވެ.
"އިސްލާމީ އުންމަތަށް ކުރިމަތިވި އެންމެހައި ދަތިތަކާއި ހުރަސްތައް ގިރާކޮށް، މުޅި ދުނިޔެއަށް އިސްލާމީ ހިދާޔަތުގެ ނޫރު ފެތުރިގެންދިޔައީ، މުސްލިމުންގެ މެދުގައި އޮތް އަޚުވަންތަ ގުޅުމުގެ ސަބަބުންނެވެ." ރައީސްގެ ހިތާބުގައި ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ ހިޖްރައިގެ ހާދިސާއިން ލިބިދޭ އެންމެ މުހިންމު އެއް ފިލާވަޅަކީ، ކޮންމެ ފަރުދެއްގެ އިންސާނީވަންތަ ކަމަށް ހުރުމަތްތެރިކޮށް ހިތައި، އިންސާނީ ކަރާމާތް ދަމަހައްޓަން މަސައްކަތް ކުރުމަކީ، ކޮންމެ މުސްލިމެއްގެ ފަރުދީ ވާޖިބެއް ކަމާއި، އަނެކުންގެ ފުރާނައާއި މުދަލަށް، ހަމަ ކޮންމެ މީހަކުމެ، ރައްކާތެރިކަމާއި އަމާންކަމާއި ހިމާޔަތް ދޭންޖެހޭނެކަން ކަމަށެވެ.
"ހިޖްރައިގެ ހާދިސާއަކީ، އެފަދަ ދެވަނައެއް ނެތް މަތިވެރި ނަމޫނާތަކެއް، މުޅި އިންސާނިއްޔަތަށް ދޫކުރެއްވި، މާތް ނަބިއްޔާގެ ވަސްމީރު ޒިކުރާއިން އިސްލާމީ އުންމަތަށް ދިރުން ގެނުވައިދޭ ހާދިސާއެކެވެ. ވީއިރު، ހިޖްރީ އާ އަހަރެއްގެ ފެށުން ފާހަގަކުރުމަކީ، ހިޖްރައިގެ ހާދިސާއިން ލިބިދިން ޢިބްރަތްތަކުގެ އަލީގައި، އަޅުގަނޑުމެންގެ ކުރިމަގު އަލުން ބައްޓަންކުރުމަށް ލިބޭ ނުހަނު އަގުހުރި ފުރުޞަތެކެވެ." ރައީސް ވިދާޅުވިއެވެ.
ރައީސްގެ ހިތާބުގައި އެމަނިކުފާނު ވަނީ ދިވެހި މުޖްތަމަޢުވެސް އެކަކު އަނެކަކަށް އިޙްތިރާމާއި ލޯތްބާއެކު މުޢާމަލާތުކުރާ ބަޔަކަށް މިއަދު ބޭނުންވާކަމުގައި ވިދާޅުވެ، ދެކޮޅުވެރިކަމާއި ޒާތީ ހަސަދައާއި ނަފްރަތަށް، ފާޅުގައި ނޫނެކޭ ބުނެ، މުޖްތަމައުގެ ބަދަހިކަމާއި ހަމަޖެހުމަށް މަސައްކަތް ކުރާ ބަޔަކަށް ބޭނުންވާކަމުގައި ވިދާޅުވެފައެވެ.
ރައީސް ސޯލިހް ވަނީ މިއުފާވެރި މުނާސަބަތުގެ ހެޔޮ އެދުމާއި ތަހުނިޔާ، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި، އިސްލާމީ ޤައުމު ތަކުގެ ވެރިންނަށާއި، ބައިނަލްއަޤުވާމީ އިސްލާމީ ޖަމާއަތްތަކުގެ ވެރިންނަށާއި، އެންމެހައި މުސްލިމް އަޚުންނާއި އުޚުތުންނަށް ފޮނުއްވާފައެވެ.




