މޫސުމަށް އަންނަ ބަދަލުތަކާއެކު ދިވެހިރާއްޖެ މި ވުޖޫދުން ފުހެވިދާނެކަމުގެ ބިރު އަންނަނީ ބޮޑުވަމުން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޔުނައިޓެޑް ނޭޝަން (ޔޫއެން) ގެ އިންޓަގަވަމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައި.ޕޯ.ސީ.ސީ) އިން، ދުނިޔެ ހޫނުވުމުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ހަދާފައިވާ ދިރާސާއާއި ގުޅޭގޮތުން ބީބީސީ ނޫހުން ލިޔެފައިވާ ރިޕޯޓެއް ހިއްސާކުރައްވަމުން ނަޝީދު ވިދާޅުވީ، މި ރިޕޯޓުން ރާއްޖެފަދަ ގައުމެއް ނެތިދާނެ ކަމުގެ ބިރު ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނަކަން ކަށަވަރުކޮށްދޭ ކަމަށެވެ.
ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ރިޕޯޓަކީ ރާއްޖެ ފަދަ ޖަޒީރާ ރަށްތަކުގެ މައްޗަށް އެކުލެވޭ ނާޒުކު ގައުމުތަކަށް އޮތް ބޮޑު ބިރެއް ކަމަށެވެ. އަދި ރާއްޖެ މިއޮތީ ނެތިދިއުމުގެ ތުންފަތްމަތީގައި ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އިންޓަގަވަމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ) ގެ ރިޕޯޓުން ފާހަގަކޮށްފައިވާ ގޮތުގައި، އިންޑަސްޓްރިއަލް ތަރައްޤީ އައުމުގެ ކުރީގައި ދުނިޔޭގެ ފިނިހޫނު މިން ހުރި މިންވަރާއި އަޅާބަލާއިރު، މިހާރު އައި ސިނާއީ ތަރައްޤީއާއެކު ޖައްވަށް ދޫކުރާ ގްރީ ހައުސް ގޭސްގެ ސަބަބުން ދުނިޔޭގެ ފިނިހޫނު މިން ވަނީ 1.2 ޑިގްރީ ސެލްސިއަސް މިންވަރަށް އުފުލިފައެވެ.
ތަޖުރިބާކާރުން ބުނެފައިވާގޮތުގައި، ދުނިޔޭގެ ފިނިހޫނު މިން 1.5 އިން މައްޗަށް އުފުލިއްޖެނަމަ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކަށް ވަރަށް ބޮޑު އަސަރެއްކުރާނެއެވެ.
2015 ވަނަ އަހަރު ޕެރިސް ކްލައިމެންޓް އެގްރީމެންޓް އިން ވަނީ، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ އަށް ހައްލުހޯދުމަށް ދުނިޔޭގެ ފިނިހޫނު މިންވަރު 2 ޑިގްރީ ސެލްސިއަސް އިން އުފުލުނަނުދީ ހިފެހެއްޓުމަށް ލަނޑުދަޑި ކަނޑައަޅައިފައެވެ.




