އުތުރު އެފްރިކާގެ އަލްޖޭރިއާގައި ހޫނުގަދަވެ ޖަންގަލިތަކުގައި އަލިފާން ރޯވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 60 އިން މައްޗަށް އަރައިފިއެވެ.
ބީބީސީ ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އަލްޖޭރިއާގެ އެކި ސަރަހައްދުގައި ރޯވެ އަނދަމުންދާ އަލިފާންގަނޑުގެ ސަބަބުން މިހާތަނަށް ގާތްގަނޑަކަށް 65 މީހުން ވަނީ މަރުވެފައެވެ. އަދި މަރުވިމީހުންގެ ތެރޭގައި އަލިފާން ނިއްވާ މީހުންނަށް އެހީވުމުގައި ހަރަކާތްތެރިވި 28 ސިފައިންވެސް ހިމެނޭ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ގިނަ ފަރުބަދަތަކެއް ހުންނަ އަލްޖޭރިއާގެ ކަބްލީ ސަރަަހައްދަކީ އަލިފާންނުގެ އަސަރުކުރަމުންދާ އެންމެ ގޯސް ސަރަހައްދެވެ. އަދި އެ ސަރަހައްދު ތަކުގައި މީހުން ގަސްދުގައި އަލިފާން ރޯކުރަމުންދާކަމަށްވެސް އޮފިޝަލުން ވަނީ ތުހުމަތު ކޮށްފައެވެ. އަދި އަލިފާން ރޯކުރި ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.
އަލްޖޭރިއާގެ ޖންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން އެތައް ބަޔެއްގެ ގެދޮރު ވަނީ އަނދާ އަޅިއަށް ވެފައެވެ. އަދި އެތައް ބަޔަކު އަންނަނީ ސަލާމަތީ ސަރަހައްދުތަކަށް ހިޖުރަކޮށް، ވަގުތީ ހިޔާތަކުގައި ދިރިއުޅެމުންނެވެ.
ހޫނުގަދަވުމުގެ ސަބަބުން، މެޑިތެރޭނިއަންގެ ގިނަ ގައުމުތަކެއްގެ ޖަންގަލިތަކުގައި އަންނަނީ އަލިފާން ރޯވެ އަނދަމުންނެވެ. އޭގެ ތެރޭގައި ތުރުކީއާއި، ގްރީސް، ލެބަނަން އަދި ސައިޕްރަސް ހިމެނެއެވެ.
މި ގައުމުތަކުގެ ޖަންގަލިތަކުގައި އަލިފާން ރޯވެފައި މިވަނީ، ޔުނައިޓެޑް ނޭޝަން (ޔޫއެން) ގެ އިންޓަގަވަމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައި.ޕޯ.ސީ.ސީ) އިން، ދުނިޔެ ހޫނުވުމުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތައް ކުރިން ހީކުރިވަރަށްވުރެ ބޮޑަށް ސީރިއަސްކަމަށް ބަޔާންކޮށް ހަދައިފައިވާ ދިރާސާގެ ރިޕޯޓު އާންމުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އިންޓަގަވަމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ) ގެ ރިޕޯޓުން ފާހަގަކޮށްފައިވާ ގޮތުގައި، އިންޑަސްޓްރިއަލް ތަރައްޤީ އައުމުގެ ކުރީގައި ދުނިޔޭގެ ފިނިހޫނު މިން ހުރި މިންވަރާއި އަޅާބަލާއިރު، މިހާރު އައި ސިނާއީ ތަރައްޤީއާއެކު ޖައްވަށް ދޫކުރާ ގްރީ ހައުސް ގޭސްގެ ސަބަބުން ދުނިޔޭގެ ފިނިހޫނު މިން ވަނީ 1.2 ޑިގްރީ ސެލްސިއަސް މިންވަރަށް އުފުލިފައެވެ.
ތަޖުރިބާކާރުން ބުނެފައިވާގޮތުގައި، ދުނިޔޭގެ ފިނިހޫނު މިން 1.5 އިން މައްޗަށް އުފުލިއްޖެނަމަ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކަށް ވަރަށް ބޮޑު އަސަރެއްކުރާނެއެވެ.



