މަޝްހޫރު ރިއަލިޓީ ތަރި ކައިލީ ޖެނާ، އޭނަގެ ކުރީގެ ލޯބިވެރިޔާ ޓްރޭވިސް ސޮކޮޓްގެ ދެވަނަ ދަރިއަކަށް ބަލިވެ އިންކަން ބޭރުގެ ގިނަ މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.
އެގޮތުން ކައިލީ އިނީ ދެވަނަ ދަރިފުޅަށް ބަލިވެކަން، އޭނައާއި ގުޅުން ހުރި ގިނަ މަސްދަރުތަކުން އެކި މީޑިއާތަކަށް ކަށަވަރުކޮށްދީފައިވާކަން އެ ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ. އެއާއެކު ކައިލީ އާއި ޓްރޭވިސް އަށް ލިބިފައިވާ 3 އަހަރުގެ އަންހެން ދަރިފުޅު، ސްޓޯމީ އިނީ ކޮއްކޮއެއް ލިބޭތީ ވަރަށް އުފަލުން ކަމަށް ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފިއެވެ.
އެގޮތުން ކައިލީ އާއި ޓްރޭވިސްގެ ވަރަށް ގާތް ފަރާތަކާއި ހަވާލާދީ ބޭރުގެ އީ ނިއުސް އިން ރިޕޯޓުކޮށްފައުވާ ގޮތުގައި، ސްޓޯމީ އަށް ކޮއްކޮއެއް ލިބެން އުޅޭކަން ސްޓޯމީއަށްވެސް އެނގެއެވެ. އަދި ސްޓޯމީ އިނީ އެކަމާއި ވަރަށް އުފާވެފައި ކަމަށް ކައިލީ އާއި ޓްރޭވިސްގެ ވަރަށް ގާތް ފަރާތަކުން ބުނެފައިވާކަމަށް އެ ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.
ކައިލީ އާއި ޓްރޭވިސް އަށް ސްޓޯމީ ލިބުނުތާ މަހެއްހާ ދުވަސްފަހުން ކައިލީ ވަނީ ދެވަނަ ދަރިފުޅެއް ހޯދަން ބޭނުންވާ ކަމަށްވެސް ބުނެފައެވެ.
ނަމަވެސް ސްޓޯމީ ލިބުނުފަހުން ކައިލީ އާއި ޓްރޭވިސް ގެ ގުޅުން ނިމުމަކަށްވެސް އައެވެ. ނަމަވެސް އޭގެ ފަހުންވެސް ދެމީހުން ގުޅުނު ކަމުގެ ހަބަރުތައް މީޑިއާގައި ފެތުރުނުއިރު، މިފަހަކަށް އައިސް ދަރިފުޅު ސްޓޯމީގެ ކަންކަމުގައި ދެމީހުން އެކުގައި ފެންނަލެއް އިތުރުވެފައިވެއެވެ. ނަމަވެސް ދެމީހުން ގުޅުނު ކަމަށް ބުނެ މީޑިއާގައި ހަބަރު ފެތުރުމާއެކު، ކައިލީ ވަނީ ހަދަހަދައިގެން މީޑިއާގައި ވާހަކަ ޖަހަނީ ކަމަށް ބުނެފައެވެ.
ކައިލީ އާއި ޓްރޭވިސް އަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަން ބޭރުގައި ގިނަ މީޑީއާތަކުގައި ވަރަށް ޔަޤީންކަމާއެކު ވަނީ ރިޕޯޓުކޮށްފައި ވީނަމަވެސް، މިކަމާއި ގުޅިގެން މި ދެމީހުން އަދި ބަހެއް ނުބުނެއެވެ.




