ލަލީގާ ޗެމްޕިއަން ބާސެލޯނާއިން އަޔޭކްސް ޑިފެންޑަރު މަޓިޖް ޑެލީޓަށް ހުށައެޅި ހުށައެޅުމަށް އޭނާ ފުރަގަސް ދީފިއެވެ.
އަޔޭކްސް އަދި ނެދަލޭންޑްގައި ޑެލީޓް ދެއްކި މޮޅުކުޅުމާއެކު ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން އަންނަނީ އުމުރުން 19 އަހަރުގެ ޑެލީޓަށް ފާރަލަމުންނެވެ.
ޑެލީޓް މިވަގުތު ހުރީ ޗުއްޓީ ހޭދަކުރުމަށް ފްލޮރިޑާގައެވެ.
ބާސެލޯނާ، ޔުވެންޓަސް، ބަޔާން އަދި މެންޗެސްޓާ ޔުނައިޓެޑްވެސް ޑެލީޓް ހޯދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ބާސާގެ ހުށައެޅުމަށް ޑެލީޓް ފުރަގަސް ދިނުމާއި ގުޅިގެން އެކަން ބަދަލުކޮށް ކްލަބަށް ގެނެވޭތޯ އަދިވެސް މަސައްކަތް ކުރުމަށް ބާސާގެ ރައީސް ބާޓޮމެއޮ އެމްސްޓާޑަމްއަށް ދަތުރު ފަށާފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ޑެލީޓްއާއެކު އަޔޭކްސްގައި ކުޅުނު ފްރެންކީ ޑެޖޯންވެސް ވަނީ ބާސާއިން ގަނެފައެވެ.

ނިމުނު ޗެމްޕިއަންސް ލީގުގައި މޮޅު ކުޅުމެއްދައްކައި ދުނިޔޭގެ ވަރުގަދަ ކްލަބްތައް ކަޓުވާލި އަޔޭކްސް ޓީމުގެ ކެޕްޓަން ޑެލީޓްއަކީ މިހާރު އަރަމުން އަންނަ ޒުވާން އެންމެ ވަރުގަދަ ޑިފެންޑަރެވެ.
ޗެމްޕިއަންސް ލީގުގައި އަޔޭކްސް ކެޓީ ސެމީގެ ދެވަނަ ލެގުގައި ޓޮޓޭންހާމް އަތްދަށުވެއެވެ. އަޔޭކްސްވަނީ ޗެމްޕިއަންސް ލީގު ޖެހިޖެހިގެން ތިން ފަހަރު ކާމިޔާބުކުރި ރެއަލްމެޑްރިޑްގެ އިތުރުން އިޓަލީގެ ވަރުގަދަ ޔުވެންޓަސްވެސް މުބާރާތުން ކަޓުވާލާފައެވެ.
ނިމުނު ޗެމްޕިއަންސް ލީގުގައި ޑެލީޓް އަޔޭކްސްއަށް 3 ލަނޑު ކާމިޔާބުކޮށްދީފައިވާއިރު އެރެޑިވިސީގައިވެސް ތިން ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ.
ޑެލީޓްވަނީ އަޔޭކްސްއާއެކު ނިމުނު ސީޒަންގެ ޑަޗް ލީގު އަދި ޑަޗް ކަޕްވެސް ކާމިޔާބުކޮށްފައެވެ.



