ރާއްޖޭގައި ކުޅިވަރު އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް، އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް އިންޑިޔާ އިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ 40 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މިި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އަލްފާޟިލް އިބްރާހީމް އަމީރެވެ. އަދި އެގްޒިމް އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ މރ. ނިންމިތް ވެޑް އެވެ.
ފިނޭންސް މިނިސްޓްރީން ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ޤާއިމުކުރެވިގެންދާ ކުޅިވަރު އިންފްރާސްޓްރަކްޗަރއަކީ ރާއްޖޭގައި ޕްރޮފެޝަނަލް ކުޅުންތެރިން ބިނާކުރުމަށާއި އަދި މިހާރު ތިބި ޕްރޮފެޝަނަލް ކުޅުންތެރިންގެ ޤާބިލިއްޔަތު އިތުރުކުރުމަށް ކޮންމެހެން ބޭނުންވެފައިވާ ޚިދުމަތްތައް ލިބިގެންދާނެ ކަމަށެވެ.
އޭގެ އިތުރުން މި އިންފްރާސްޓްރަކްޗަރގެ ސަބަބުން ޒުވާނުންނަށް ކުޅިވަރުގެ ދާއިރާއިން ކުރިއަށް ދިއުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ފިނޭންސުން ވިދާޅުވިއެވެ.
މީގެ ދެ ދުވަސްކުރިން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ މި އެއްބަސްވުމުގައި ރާއްޖެ އާއި އިންޑިއާ ސަރުކާރުން ސޮއިކުރާނެ ކަމަށް ވިދާޅުވެފައެވެ.
މަބްރޫކް ވިދާޅުވީ، މި ލޯނު ފައިސާ ބޭނުންކޮށްގެން ފުޓުބޯޅަ އާއި، ވޮލީބޯޅަ އާއި، ބާސްކެޓްބޯޅަ އާއީ ޓީޓީ ކުޅުންތެރިންނަށާއި ދުވުންތެރިންނަށް ބޭނުންވާ ވަސީލަތްތަކާއި ޒުވާނުންގެ މަރުކަޒުތައް އަޅަން ވަނީ ނިންމާފައި ކަމަށެވެ.
އެގޮތުން މި ފައިސާ ބޭނުންކޮށްގެން ގަލޮޅު ދަނޑު އިތުރަށް ތަރައްގީކުރުމަށާއި ގައުމީ ފެންވަރުގެ ކުޅިވަރު ސެންޓަރުތަކެއް އަޅާނެ ކަމަށް ހާމާކުރެއްވިއެވެ. އަދި އަތޮޅުތެރޭގައި ޒުވާނުންގެ މަރުކަޒުތަކާއި ހަތަރު ރަށެއްގައި ސިންތެޓިކް ޓްރެކް އެޅުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ ހިސް އެކްސަލެންސީ ސަންޖޭ ސުމީރު އާއި މިނިސްޓްރީ އޮފް ފޮރިންއެފެއާޒް އަދި މިނިސްޓްރީ އޮފް ފިނޭންސް ގެ އިސްވެރިންވެސް ބައިވެރިވިއެވެ.




ހިޔާލު
ބޮޑުހަރަދު ކޮއްފަ ކުޅޭތަންތަން ހަދާފަ ބަލަހައްޓާނެ ފަރާތެއް ނެތި ދޫކޮއްލާފަ ތިބުމުން އެތަންތަން ހަލާކުވެގެންދާތަން މިހާރުވެސް ރާއްޖޭގެ ގިނަ ރައްރަޝުންފެނޭ. ކޮންބައެއްތޯ ޒިންމާވަނީ؟