ފޮޓޯ: ސަން

ސާފް ޗެމްޕިއަންޝިޕް ބަލަން ދަނޑަށް ވަދެވޭނީ ދެ ޑޯޒް ޖަހައިގެން

ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާއިރު، މެޗުތައް ބަލަން ގަލޮޅު ދަނޑަށް ސަޕޯޓަރުންނަށް ވަދެވޭނީ ދެ ޑޯޒު ވެކްސިން ޖަހައިފައިވާނަމަ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ސާފް ޗެމްޕިއަންޝީޕް 2021 ރާއްޖޭގައި ބޭއްވުމަށް ބިޑް ކާމިޔާބުކުރުމާއެކު، ގަލޮޅު ދަނޑަށް ސަޕޯޓަރުން ވެއްދުމަށް އެފްއޭއެމްއާއި ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ ނިންމައިފައެވެ. ނަމަވެސް ބައްސާމް ވިދާޅުވީ، ދަނޑަށް ވަދެވޭނީ ދެ ޑޯޒްވެކްސިން ޖަހައިފައިވާ ފަރާތްތަކަށް އެކަނިކަމަށެވެ.

ގަލޮޅު ދަނޑުގެ ޖާގައަކީ 8000 މީހުންނެވެ. ނަމަވެސް ގަލޮޅު ދަނޑުގެ ސަހަރާފަޅި ސިޑި ބަރިއާއި އިރުމަތީ ފަޅި (ބޮޑު ގޭޓު ފަޅި) ސިޑި ބަރީގައި ރެނދުލުމުގެ ސަބަބުން އެ ސިޑީތައް 2018 ގަސއި ޕްލޭނިން މިނިސްޓްރީ ވަނީ ބަންދުކޮށްފައެވެ.

އޭގެ ފަހުން 2019 ގައި ރާއްޖެ އާއި ޗައިނާ މާލޭގައި ކުޅުނު ވޯލްޑް ކަޕް ކޮލިފައިން މެޗަށް ސަޕޯޓަރުންނަށް ދަނޑަށް ވަނުމުގެ ފުރުސަތު ދީފައިވިނަމަވެސް، ސިޑިބަރީގެ ހާލަތު ދަށްވުމުގެ ސަބަބުން ވިއްކައިފައިވަނީ 3000 އެއްހާ ޓިކެޓެވެ.

ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓް އަދި ޕްލޭނިން މިނިސްޓްރީ ގުޅިގެން މިހާރު ވަނީ ސާފް ޗެމްޕިއަންޝިޕަށް ހާއްސަކޮށް ދަނޑަށް ސަޕޯޓަރުން ވައްދަން ވަގުތީ ހައްލެއް ހޯދުމަށް މަސައްކަތް ފަށައިފައެވެ.

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 1 - 15 އަށެވެ. މި އަހަރުގެ މުބާރާތުގައި ވާދަކުރާނީ ރާއްޖޭގެ އިތުރުން އިންޑިއާ، ލަންކާ، ބަންގްލަދޭޝް އަދި ނޭޕާލް އެވެ. އަދި ލީގު އުސޫލުން ކުޅުމަށްފަހު އެންމެ ގިނައިން ޕޮއިންޓު ހޯދާ ދެޓީމު ފައިނަލުގައި ކުޅޭނެއެވެ.

ސާފް ޗެމްޕިއަންޝިޕް މުބާރާތް ރާއްޖެއިން މިހާތަނަށް ވަނީ 2 ފަހަރަކު ކާމިޔާބުކޮށްފައެވެ. އެއީ 2008 ވަނަ އަހަރާއި 2018 ވަނަ އަހަރުއެވެ. އެންމެ ފަހުގެ ސާފްގެ ޗެމްޕިއަނުންނަކީވެސް ރާއްޖެއެވެ.

މިއީ ރާއްޖޭގައި މި މުބާރާތް ބާއްވާ ދެ ވަނަ ފަހަރެވެ. އެހެންނަމަވެސް، އެހެން ގައުމަކާއި ބައިވެރިނުވެ ހަމައެކަނި ދިވެހިރާއްޖޭގައި ސާފް ޗެންޕިއަންޝިޕް މުބާރާތް ބާއްވާ މިއީ ފުރަތަމަ ފަހަރެވެ. މީގެ ކުރިން 2008 ގައި ބޭއްވި ސްރީ ލަންކާއާ ގުޅިގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ