2022 ވަނަ އަހަރު ރާއްޖެއަށް މަދުވެގެން 2 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރައްވާނެ ކަމަށް ޓުއުރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް އަންދާޒާކޮށްފިއެވެ.
މައުސޫމް މިހެން ވިދާޅުވެފައިވާއިރު، އަންނަ 2022 ވަނަ އަހަރު ރާއްޖެއަށް 1.4 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ހެދި ދިރާސާއަކުން ދައްކައެވެ.
މިކަމާ ގުޅުވާ އަދި އަންނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަން އަހަރުކަން ފާހަގަކޮށް މިނިސްޓަރ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވޯ، އެމްއެމްއޭގެ ދިރާސާއަށް އިހުތިރާމްކުރާކަމަށާއި، ނަމަވެސް އެމަނިކުފާނުގެ އަންދާޒާއަކީ މަދުވެގެން އަންނަ އަހަރު ދެ މިލިއަން ޓުރިސްޓުން ރާއްޖެ އަންނާނެކަމަށެވެ.
މީގެ އިތުރުން ދެ މިލިއަން ޓޫރިސްޓުން ޒިޔާރަތްކުރުމުގެ އިތުރުން، 13.5 މިލިއަން ބެޑް ނައިޓްސް ވެސް ހަމަވާނެ ކަމަށް މިނިސްޓަރ މައުސޫމް އަންދާޒާކޮށްފައިވެއެވެ.
އަންނަ އަހަރަށް ފަތުރުވެރިން ރާއްޖެ އަންނާނެކަމަށް މިނިސްޓަރ އަންދާޒާކުރި މި އަދަދަކީ މި އަހަރަށް ލަފާކުރި އަދަދަށް ވުރެ ދެ ގުނަ އިތުރު މިންވަރެކެވެ. ވެ. މި އަހަރަށް ފުރަތަމަ ސަރުކާރުން އަމާޒު ހިފީ 1 މިލިއަން ޓޫރިސްޓުންނަށެވެ. އެކަމަކު މިހާރު ވަނީ 1.3 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް އަންދާޒާކޮށްފަ އެވެ. އަދި ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 800،000 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
މިނިސްޓަރ މައުސޫމް އަންނަ އަހަރަށް ދެ މިލިއަނެއްހާ ފަތުރުވެރިން އަންނާނެކަމަށް ލަފާކޮށްފައިވާ ބައެއް ސަބަބުތައްވެސް ވަނީ ހިއްސާކުރައްވައިފައެވެ. އޭގެ ތެރޭގައި މިނިސްޓަރ ފާހަގަކޮށްފައިވަނީ، ރާއްޖޭގެ ބެޑް ކެޕޭސިޓީ އިތުރުވުމާއި، ބޮޑު މާކެޓަކަށް ރާއްޖެ ހުޅުވަލެވުމާއި، އެތެރޭގެ އުދުހުންތަށް ގިނަވުމާއި، ޑޮމެސްޓިކް ޓްރާންސްޕޯޓުގެ ފެންވަރު ރަނގަޅުވުމާއި، މިދިޔަ އަހަރާއި މިއަހަރު ރާއްޖެ އަންނަ ބޭނުންވެ ނާދެވިފަ ތިބި މީހުންގެ ޑިމާންޑް އޮތުމާއި އަދި އަންނަ އަހަރު ފަތުރުވެރިކަމަށް 50 އަހަރު ފާހަގަކުރުމަށް ބާއްވާ ބޮޑެތި ހަރަކާތްތަކެވެ.
Many factors... here are some:
▪︎Additional diverse/bed capacity.
▪︎Broader market reach.
▪︎Additional and new air connectivity.
▪︎Better domestic transport.
▪︎Pentup demand of 2020 and 2021.
▪︎Maldives Tourism Golden Year festivities and celebrations.— Abdulla Mausoom (@Mausoom_Maus) September 18, 2021



