ސްޕެއިންގެ ހެޑް ކޯޗުގެ މަޤާމުގައި ހުރި ލުއިސް އެންރީކޭ އަމިއްލަ ސަބަބަކާހުރެ މަޤާމުން ވަކިވެއްޖެއެވެ.
ސްޕެއިންގެ ކޯޗުކަމާއި މިދިޔަ އަހަރުގެ ޖުލައި މަހު ޙަވާލުވި އެންރީކޭއަށް ކޯޗުކަމުގައި ހޭދަކުރި މިދުވަސްތަކުގައި ސްޕެއިން ފުޓްބޯޅަ އިދާރާއިން ފުރިހަމަ ތާޢީދާ ސަޕޯޓްވަނީ ލިބިފައެވެ.
"މަޤާމުން ދޫކޮށްލިކަން އެންރީކޭ ވަނީ އަންގާފަ. އެއީ އެންރީކޭގެ ނިންމުން. އެނިންމުމަށް އަހަރެމެން އިޙްތިރާމްވެސް ކުރަން" ސްޕެއިން ފުޓްބޯޅަ އިދާރާގެ ރައީސް ބުންޏެވެ.
ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ސްޕެއިންގެ ފުޓްބޯޅަ އިދާރާ އިން ދީފައިނުވާއިރު، އެ އިދާރާ އިން ވަނީ އެންރީކޭގެ ޕްރައިވެސީ އަށް އިޙްތިރާމް ކުރުމަށް ހުރިހާ ފަރާތްތަކަކަށް ގޮވާލާފައެވެ.
މިދިޔަ މާޗު މަހުން ފެށިގެން އެންރީކޭ ސްޕެއިންގެ ގައުމީ ޓީމާއި ދުރުގައި ހުރިއިރު، އެންރީކޭގެ ބަދަލުގައި ސްޕެއިން ޓީމާއި ޙަވާލުވެހުރީ އެސިސްޓެންޓް ރޮބާޓް މޮރޭނޯއެވެ. އަދި އެންރީކޭގެ އިސްތިއުފާއާއެކު އޭނާ އެއްބަސްވެފައިވާ މުއްދަތާއި ހަމައަށް ސްޕެއިން ޤައުމީ ޓީމުގެ ހެޑް ކޯޗުކަން މޮރޭނޯއާއި ވަނީ ޙަވާލުކޮށްފައެވެ.
ބާސެލޯނާއަށް ކުރިން ކޯޗުކޮށްދިން އުމުރުން 49 އަހަރުގެ އެންރީކޭ ސްޕެއިންގެ ކޯޗުކަމާއި ޙަވާލުވީ 2 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެންރީކޭ ފުޓްބޯޅަ ކުޅުނު ދުވަސްވަރުވަނީ ބާސެލޯނާ އަދި ރެއަލްމެޑްރިޑަށްވެސް ކުޅެދީފައިވެއެވެ.




