"ފާސްޓް އެންޑް ފިއުރިއަސް"ގެ އެކްޓަރު ޕޯލް ވޯކާގެ އަންހެން ދަރިފުޅު މެޑޯ ރެއިން ވޯކާ މި މަހުގެ ކުރީކޮޅު ކައިވެނިކުރިއިރު، ކައިވެނީގެ ހަފްލާގެ ފޮޓޯތައް މީސްމީޑިއާގައި ހިއްސާކުރީ މީގެ އެއް ދުވަސްކުރިންނެވެ. އެއާއެކު މި ގިނަ ބައެއްގެ ބޮޑު ސަމާލުކަމެއް ހުއްޓުނީ މި ފޮޓޯތަކުން ފެނުނު އުފާވެރި މަންޒަރަކަށެވެ.
ފާސްޓް އެންޑް ފިއުރިއަސް ފިލްމް ފެށިގެން އައިއިރު، އޭގައި ހަރަކާތްތެރިވި ލީޑު އެކްޓަރު ޕޯލް ވޯކާ ވަނީ އެކްސިޑެންޓެއްގައި 2013 ވަނަ އަހަރު މަރުވެފައެވެ. މި ފިލްމްގައި ޕޯލް އާއެކު ހަރަކާތްތެރިވާ އެކްޓަރު ވިން ޑީސަލް އަކީ އެންމެ ކުރީއްސުރެވެސް ވަރަށް ގާތް ދެ ރަހްމަތްތެރިންނެވެ. އަދި ޕޯލް މި ދުނިޔޭގައި ނެތް ނަމަވެސް، މިހާރުވެސް އޭނަގެ އެންމެ ގާތް ރަހްމަތްތެރިއަކީ، ވިން ޑީސަލް ކަން ސާބިތުކޮށްދިނީ، ޕޯލްގެ ހަމައެކަނި ހުރި ދަރިފުޅު ގެ ކައިވެނި ހަފްލާގައި ޕޯލްގެ ބަދަލުގައި ބައްޕައެއްގެ ރޯލު ވިން ޑީސަލް އަދާކުރުމުންނެވެ.
މި މަހުގެ ކުރީކޮޅު މެޑޯ ވޯކާ ކައިވެނިކޮށްފައި ވަނީ ހޮލީވުޑްގެ އެކްޓަރު ލުއިޒް ތޯންޓޮން އަލަން އާއެވެ. މީގެ އެއް ދުވަސްކުރިން ކައިވެނި ހަފްލާގެ ފޮޓޯތައް ހާމަކުރިިއިރު، ގިނަ ބަޔަކު އުފަލުން ރޮއްވާލީ ކައިވެނީގެ ހަފްލާގައި މެޑޯގެ އަތުގައި ހިފައިގެން ވިން ޑީސަލް ދިޔަ މަންޒަރު ފެންނަ ފޮޓޯއިންނެވެ. މިއީ އެމީހުންގެ ކައިވެނި ހަފްލާތަކުގައި އަންހެން ދަރިފުޅުގެ ބައްޕަ އަދާ ކުރާ ރޯލެވެ.

މި ކައިވެނި ހަފްލާއަށް ދައުވަތު ދީފައިވަނީ މެޑޯގެ އެންމެ ގާތް މީހުންނަށެވެ. މެޑޯ އާއި ވީން ޑީސަލްގެ މި ފޮޓޯ ވަރަށް ބޮޑަށް ވައިރަލް ވެފައިވާއިރު، ހޮލީވުޑްގެ ތަރިން އަންނަނީ މަރުހަބާގެ މެސެޖުތައް މެޑޯއަށް ފޮނުވަމުންނެވެ.
މެޑޯގެ ކައިވެނީގެ ހަފްލާގައި ވިން ޑީސަލްގެ އިތުރުން، ފާސްޓް އެންޑް ފިއުރަސްގެ އިތުރު ބައެއް ތަރިންވެސް މި ހަފްލާގައި ބައިވެރިވިއެވެ.



