އަފްޣާންގެ އާއިލާއެއް ބަނޑަށް ޖެހި، ތުއްތު އަންހެން ދަރިފުޅު ވިއްކާލައިފި

އަފްޢާނިސްތާނުގައި އަންހެނަކު އޭނަގެ ދަރިންނަށް ކާން ދިނުމަށް އެންމެ ތުއްތު އަންހެން ދަރިފުޅު 500 ޑޮލަރަށް ވިއްކާލައިފިއެވެ.

އަފްޢާނިސްތާންގެ ބާރުތައް ތާލިބާން ޖަމާއަތުގެ އަތް ދަށަށް ގެނައުމާއެކު، މިވަގުތު އެ ގައުމުގެ އެތައް އާއިލާތަކެއް ވަނީ ހާލުގައި ޖެހިފައެވެ. އަދި އެ އާއިލާތަށް އަންނަނީ ބަނޑުހައިހޫނުކަން އިހްސާސް ކުރަމުންނެވެ. އާއިލާތަށް ހާލުގައި ޖެހިފައި މިވަނީ ބައިނަލްއަޤުވާމީ ގައުމުތަކުން އެމީޙުންނަށް ދެމުން އައި އެހީތަށް ދިނުން މެދުކަނޑާލުމުންނެވެ.

ބީބީސީގެ ރިޕޯޓަރެއް ވަނީ އަފްޢާންގައި ދަރިފުޅު 500 ޑޮލަރަށް ވިއްކާލި އެ މަންމައާ ވާހަކަ ދައްކައިފައެވެ. އެއީ އަފްޣާނިސްތާންގެ ހެރާތުގައި އޮންނަ އަވަށެއްގައި ދިރިއުޅޭ އަންހެނެކެވެ. އެ އަންހެންމީހާގެ އެންމެ ތުއްތު ދަރިފުޅު ވިއްކާލީ އެހެން ދަރިންނަށް ކާންދޭނެ އިތުރު ގޮތެއް ނެތުމުން ކަމަށް އެ ނޫހުގައި ވަނީ ރިޕޯޓުކޮށްފައެވެ.

އެ ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ތުއްތު ކުއްޖާ ގަތް މީހާ އޭނާ ރަނގަޅަށް ބަލާ ބޮޑުކޮށް، އޭނަގެ ފިރިހެން ދަރިފުޅާ ކައިވެނިކުރުވާނެ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އޭނަގެ އަސްލު މަޤުސަދަކީ ކޮބައިކަމެއް ޔަޤީންނޫންކަމަށް ރިޕޯޓުކޮށްފައިވެއެވެ.

އެގޮތުން އެ ތުއްތު ދަރިފުޅު ގަތުމަށް ދައްކަންޖެހޭ ފައިސާގެ އެއްބައި ދެއްކުމަށްފަހު، ދަރިފުޅަށް ހިނގެން ފެށުމުން ބަލައި އަންނާނެކަމަށް އެ ކުއްޖާ ގަތް މީހާ ވަނީ ބުނެފައެވެ.

އެ ކުއްޖާގެ މަންމަ ބީބީސީ ނޫހަށް ބުނެފައިވާ ގޮތުގައި، އެންމެ ތުއްތު ދަރިފުޅު ވިއްކާލަން ޖެހުނީ އޭނަގެ އެހެން ދަރިންނަށް ކާންދޭނެ އެއްޗެއް ނެތި ބަނޑުހައި ހޫނުކަން އިހްސާސްކުރަމުން ދާތީއެވެ. އަދި ދަރިފުޅު ވިއްކާލަން ނޭދޭކަމަށާއި ނަމަވެސް އިތުރު އެހެން ގޮތެއް ނެތް ކަމަށް ބުނެފައިވެއެވެ.

އެ އާއިލާ މީގެ ކުރިން ދިރިއުޅެމުން އައީ އެ ތުއްތު ކުއްޖާގެ ބައްޕަ ކުނި ހޮވާ ވިއްކައިގެން ލިބޭ ރުފިޔާއިންނެވެ. ނަމަވެސް އަފްޣާނިސްތާންގައި މިހާރު ފައިސާގެ އަގު ވެސް ވެއްޓިފައިވާއިރު، ފައިސާ ހޯދޭނެ އިތުރު ގޮތެއް ނެތްކަމަށް އެ އާއިލާއިން ވަނީ ބުނެފައެވެ.

އަފްޢާނިސްތާނުގައި ކުޑައިރު ދަރިން މީހުންނާ ކައިވެނިކުރުމަކީ މީގެ ކުރިންވެސް ކުރަމުން އައި އާއްމު ކަމެކެވެ. އަދި މި އާއިލާގެ އިތުރުން އަފްޢާން މިވަގުތުގެ ހާލަތުގެ ސަބަބުން އިތުރު އާއިލާތައްވެސް އެމީހުންގެ ތުއްތު ދަރިން މީހުންނަށް ވިއްކާކަމަށް ބީބީސީ ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
61
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ