ސްކައިޓްރެކްސް ވޯލްޑް އެއާލައިން އެވޯޑްސް 2019 ގައި ގަތަރު އެއާވޭސްއަށް "ވޯލްޑް ބެސްޓް އެއާލައިންސް"ގެ އެވޯޑް ލިބިއްޖެ އެވެ.
ފްރާންސްގެ ޕެރިހުގައި ބޭއްވި އެވޯޑް ހަފުލާގައި "ވޯލްޑް ބެސްޓް އެއާލައިންސް"ގެ އެވޯޑް ގަތަރު އެއާވޭސްއިން ފަސްވަނަ ފަހަރަށް ހޯއްދެވިއިރު، މި އަހަރުގެ އެވޯޑްސްގައި އެ އެވޯޑާއެކު އިތުރު ހަތަރު އެވޯޑެއްވެސް އެ އެއާލައިނަށް ލިބިފައިވެއެވެ.
ގަތަރު އެއާވޭސްއަށް ލިބިފައިވާ އިތުރު އެވޯޑްތަކުގެ ތެރޭގައި މެދު އިރުމަތީގެ ބެސްޓް އެއާލައިންސް އެވޯޑާއި ދުނިޔޭގެ ބެސްޓް ބިޒްނަސް ކްލާސް އެވޯޑުގެ އިތުރުން ވޯލްޑް ބެސްޓް ބިޒްނަސް ކްލާސް ސީޓް އެވޯޑް ހިމެނެއެވެ.

މި ފަހުރުވެރި އެވޯޑާއެކު ގަތަރު އެއާވޭސްގެ ޗީފް އެގްޒެގެޓިވް އޮފިސާ އަކްބަރް އަލް ބަކަރް ވިދާޅުވީ ދުނިޔޭގެ ބެސްޓް އެއާލައިންސް އެވޯޑް ފަސް ވަނަ ފަހަރަށް ކާމިޔާބު ކުރެވުމަކީ އެ އެއާވޭސް އަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.
ގަތަރު އެއާވޭސް އިން ދުނިޔޭގެ 160 އަށް ވުރެ ގިނަ ގައުމުތަަކަށް ދަތުރުކުރާއިރު މިއަހަރު ތެރޭގައި އިތުރު މަަންޒިލުތަަކަށް ދަތުރު ކުރުމަށް ވެސް ނިންމާފައި ވެއެވެ.



