ގައުމީ ޓީމު ކުރެއްދޫގައި ކުޅުނު މެޗަށް ފަހު. -- ފޮޓޯ: އެފްއޭއެމް

ކުރެއްދޫގައި ކުޅުނު މެޗުން ގައުމީ ޓީމަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ

މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) ގެ ހާއްސަ ދައުވަތަކަށް، އޭނާގެ ކުރެއްދޫ އައިލެންޑް ރިސޯޓުގައި އިއްޔެ ކުޅުނު އަގުބޮޑު ފުޓުބޯޅަ މެޗުން ރާއްޖޭގެ ގައުމީ ޓީމު 7-1 އިން ކުރެއްދޫ ޓީމު އަތުން މޮޅުވެއްޖެއެވެ.

ކުރެއްދީ ރިސޯޓުގެ ޓީމަކާއެކެ ކުޅުނު މި މެޗުގެ ޖުމްލަ އަގަކީ 1.2 މިލިއަން ރުފިޔާ އެވެ. މިއީ ރާއްޖޭގައި އެންމެ މެޗަކަށް ބަލާނަމަ މިހާތަނަށް ކުޅުނު އެންމެ އަގުބޮޑު މެޗުކަން ފާހަގަކޮށްލެވެއެވެ.

އެކުވެރި ކަމުގެ މި މެޗުން މޮޅުވާ ޓީމަކަށް ކުރެއްދޫގެ ފަރާތުން ފަސް ލައްކަ ރުފިޔާ އާއި އެސްޓީއޯގެ ފަރާތުން ފަސް ލައްކަ ރުފިޔާ ވަނީ ދީފައެވެ. އަދި ދިރާގުން ދިން އެއް ލައްކަ ރުފިޔާ އަދި ވިލާ ޓްރެވަލްސް އެންޑް ޓުއާސް އިން ދިން އެއް ލައްކަ ރުފިޔާ ހިމެނެ އެވެ. މީގެ އިތުރުން ސަން ފްރަންޓާއި ލޮޓަސްގެ ފަރާތުން ވެސް ވަނީ ހަދިޔާ ދީފައެވެ.

މި ހުރިހާ ފަރާތްތަކުން ހުށައަޅާފައިވާ ޖުމްލަ ފައިސާއާއި އެކު ގައުމީ ޓީމުގެ ކުޅުންތެރިއަކަށް ގާތްގަނޑަކަށް 40،000 އެއްހާ ދިވެހި ރުފިޔާ ލިބޭނެއެވެ. އެފްއޭއެމް އިން ހާމަކުރިގޮތުގައި މި މެޗުން ލިބުނު ފައިސާގެ އިނާމް ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މެދުގައި ހަމަހަަމަކޮށް ބަހާލާނީއެވެ.

އިއްޔެ ކުޅުނު މި އެކުވެރިކަމުގެ މެޗުގައި އަލީ އަޝްފާގު (ދަގަނޑޭ) ގައުމީ ޓީމަށް ތިން ލަނޑު ޖަހައި ހެޓްރިކް ހެދިއިރު އަސަދުﷲ އަބްދުﷲ (އަސަކޮ) ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އަދި މުހައްމަދު އުމެއިރާއި އަލީ ފާސިރު (ސެންޓޭ) ވެސް ވަނީ މި މެޗުގައި ލަނޑު ޖަހައިފަ އެވެ. ކުރެއްދޫން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ގުރެއިޝް އަބްދުލް ރައްޒާގެވެ.

މިއީ ގައުމީ ޓީމުގެ އާ ކޯޗު އިޓަލީގެ ފްރެންސެސްކޯ މޮރިއޭރޯ މަގާމާއި ހަވާލުވިފަހުން ގައުމީ ޓީމު ކުޅޭ ފުރަތަމަ ވާދަވެރި މެޗެވެ. މި މެޗަށްފަހު ގައުމީ ޓީމު އަންނަ މަހުގެ 8 ވަނަ ދުވަހު ލަންކާގައި ފަށާ މަހިންދަ ރާޖަޕަކްސަ އިންވިޓޭޝަނަލް މުބާރާތުގައި ވާދަކުރާނެއެވެ. މި މެޗުގައި ވާދަކުރާނީ ރާއްޖެއާއި ލަންކާގެ އިތުރުން ސީޝެލްސް އާއި ބަންގްލަދޭޝް އެެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ