ލަންކާއިން ފަހަތުން އަރާ ރާއްޖެ މޮޅުވިޔަ ނުދީ ހިފަހައްޓައިފި

ސްރީ ލަންކާގައި މިއަދު ފެށި "މަހިންދަ ރާޖަޕަކްސަ ޓްރޮފީ (ފޯ ނޭޝަންސް ކަޕް)" ގައި ކުޅުނު ފުރަތަމަ މެޗުގައި ލަންކާއިން ފަހަތުން އަރައި ރާއްޖެއާ އެއްވަރުކޮށްފިއެވެ.

ކޮލަމްބޯ ރޭސްކޯސް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުން ލަންކާއާ ރާއްޖެ އެއްވަރުވީ 4-4 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހަތަރު ލަނޑު ޖަހާ ލީޑު ނެގީ ރާއްޖެއިންނެވެ. އެގޮތުން މިއަދު ކުޅުނު މެޗު ފެށައިގެން ހަތްވަނަ މިނަޓުގައި ކެޕްޓަން އަކްރަމް އަބްދުލް ޢަނީ ވަނީ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ގޯލު ކާމިޔާބުކުރީ އަލީ އަޝްފާގު ނަގައިދިން ހުރަހަކުން އެ ބޯޅަ ގޮލާ އަމާޒުކޮށް ފޮނުވާލައިގެންނެވެ، އޭގެ މިނަޓެއް ފަހުން އަލީ ފާސިރު (ސެންޓޭ) ވަނީ ރާއްޖެއަށް ދެވަނަ ލަނޑު ޖަހައިދީފައެވެ. އަދި އެ ހާފު ނިމެންދަނިކޮށް އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ވަނީ ރާއްޖޭގެ ތިންވަނަ ގޯލެއް ޖަހައިދީފައެވެ. ފުރަތަމަ ހާފު ނިމުނުއިރު، ލަންކާއަށް ގޯލު ޖަހާނެ މާ ރަނގަޅު ފުރުސަތެއް ނުލިބި، ހާފު ނިމުނީ ރާއްޖެއިން ލީޑުގައި އޮވެއެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން މެޗުގެ 57 ވަނަ މިނިޓްގައި ދަގަނޑޭ ވަނީ ރާއްޖެ އަށް ހަތަރު ވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ރާއްޖެއިން ހަތަރު ގޯލުގެ ލީޑެއް ނަގައިފައި ވަނިކޮށް، ދެވަނަ ހާފުގެ ތިން މިނެޓްގެ ތެރޭގައި ލަންކާއިން ވަނީ ރާއްޖެ ކޮޅަށް ފުލު ފުލުން ދެ ގޯލު ޖަހާ އުއްމީދު އާކޮށްފައެވެ. އެ ދެ ގޯލުވެސް ޖަހައިދިނީ ޖެހީ ވަސީމް ރަޒީކް އެވެ. އަދި މެޗުގެ 73 ވަނަ މިނިޓުގައި އަނެއްކާވެސް ގޯލެއް ޖަހާ ވަސީމް ވަނީ އޭނާގެ ފުރަތަމަ އިންޓަނޭޝަނަލް ހެޓްރިކްވެސް ހަދާފައެވެ.

ލަންކާއިން ރާއްޖޭގެ ނަތީޖާ އާ އެއްވަރު ކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރު ވަގުތުގެ ކުޅުމުގައި އަނެއްކާވެސް ވަސީމް ޖެހި ގޯލަކުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ