ސްރީލަންކާގައި މިހާރު ކުރިޔަށްދާ މަހިންދަ ރާޖަޕަކްސަ ޓްރޮފީގައި މިއަދު ރާއްޖެ ކުޅުނު ދެވަނަ މެޗުން 2-1 ރާއްޖެ ބަލިކޮށް، 18 އަހަރުތެރޭގައި ފުރަތަމަ ފަހަރަށް ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވެއްޖެ އެވެ.
ލަންކާގައި މިހާރު ކުރިއަށްދާ މަހިންދަ ރާޖަޕަކްސަ ޓްރޮފީގައި ރާއްޖެ ކުޅުނު ދެވަނަ މެޗުގައި ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ. ރާއްޖެ އަތުން ބަންގްލަދޭޝް އެންމެ ފަހުން މޮޅުވީ 2003 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގަ އެވެ. އެ މެޗުގައި ރާއްޖެ ބަލިވީ ޕެނަލްޓީ ޖަހައިގެން 5-3 އިންނެވެ.
ހަތަރު ގައުމު ވާދަކުރާ މި މުބާރާތުގައި މި ދެ ޓީމުވެސް ކުޅުނު ފުރަތަމަ މެޗުން ވަނީ އެއްވަރުވެފައެވެ. ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ ލަންކާ އަތުން އެއްވަރުވީ 4-4 ގެ ނަތީޖާއަކުންނެވެ. ބަންގްލަަދޭޝް އެއްވަރުވީ ސީޝެލްސް އަތުން 1-1 ގެ ނަތީޖާއަކުންނެވެ.
މިއަދު ހަވީރު ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނެގީ، މެޗުގެ 11 ވަނަ މިނިޓްގައި ބަންގްލަދޭޝްއިންނެވެ. އެ ލަނޑު ކާމިޔާބުކޮށްދިނީ ބަންގްލަދޭޝްގެ ކެޕްޓަން ޖަމާލް ބުޔާން އެވެ. ބަންގްލަދޭޝް ލީޑެއް ނަގާފައިވަނިކޮށް ރާއްޖެއިން ނަތީޖާ ހަމަހަމަކޮށްފައިވަނީ މެޗުގެ 33 ވަނަ މިނެޓުގައެވެ. އެ ލަނޑު ޖެހީ އަލީ އަޝްފާގު (ދަގަނޑޭ) ނަގައިދިން ކޯނަރެއް ރާއްޖޭގެ ޓީމުގެ ކެޕްޓަން އައްސަދު އަބްދުލްޣަނީ ގޯލަށް ފޮނުވާލި ވަގުތު މުހައްމަދު އުމޭރު އެ ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ޔައިރު، ބަންގްލަދޭޝްއިން އަލުން ލީޑު ނަގާފައިވަނީ މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް، އެ ޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. މެޗުގެ 88 ވަނަ މިނެޓްގައި ޕެނަލްޓީ ޖެހީ ޓޯޕޫ ބާމަން އެވެ.
މި މެޗުން ރާއްޖެ ބަލިވުމުން، އަދި ލަންކާއާ ވާދަކޮށް 4-4 އިން އެއްވަރުވެފައިވާތީ މުބާރާތުގެ ޕޮއިންޓް ޓޭބަލަށް ބަލާއިރު ރާއްޖެ އޮތީ ޓޭބަލުގެ ފުލުގައެވެ.
ނަމަވެސް މިރޭ ހޯމް ޓީމް، ސްރީލަންކާއާއި ސީޝަލްސް ކުޅުނު މެޗުން ސީޝަލްސް 1-0 ގެ ނަތީޖާއަކުން ސީޝަލްސް މޮޅުވުމާއެކު، މުބާރާތުގައި ދެން އޮންނަ މެޗެއްގައި ސީޝެލްސް އަތުން ރާއްޖެ މޮޅުވެއްޖެ ނަމަ ރާއްޖެއަށް ފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.



