2022 ވަނަ އަހަރަކީ، ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުފުރޭ ރަން ޔޫބީލް އަހަރު ކަމަށްވުމާއެކު، އެ އަހަރު ފާހަގަކުރެއްވުމުގެ ގޮތުން، 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން "2022 :ފަތުރުވެރިކަމުގެ ރަން އަހަރު" ގެ ލޯގޯ، ސަރުކާރުގެ ހުރިހާ އިދާރާތަކުން ފޮނުއްވާ ރަސްމީ ސިޓީ ތަކާއި، އީ -މެއިލް ފުޓަރތަކުގައި އެއް އަހަރުގެ މުއްދަތައް ބޭނުންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމެއްގައި ވިދާޅުވީ، މިނިސްޓްރީ އޮފް ޓޫރިޒަމުން މި ލޯގޯ ޖެއްސެވުމަށްޓަކައި އެކަމާބެހޭ މަޢުލޫމާތު، ސަރުކާރުގެ އޮފީސްތަކަށް ދެއްވާނެކަމަށެވެ. އަދި މި ލޯގޯ ޖެއްސެވުމަށްޓަކައި، އެކަމާބެހޭ މަޢުލޫމާތު، މިނިސްޓްރީ އޮފް ޓޫރިޒަމުން ސަރުކާރުގެ އޮފީސްތަކަށް ދެއްވާނެ ކަމަށާއި، އެ މަޢުލޫމާތު ލިބިވަޑައިގަތުމުން، ލޯގޯ ޖައްސަވަމުން ގެންދެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށެވެ.
2022 ވަނަ އަހަރަކީ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރާ އަހަރުކަމަށް ވާތީ، އެ އަހަރު ކުލަގަދަ ގޮތެއްގައި ފާހަގަކުރުމުގެ ގޮތުން އެ އަހަރަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ލޯގޯ މިހާރު ވަނީ މިނިސްޓްރީ އޮފް ޓޫރިޒަމުން އިފުތިތާހުކޮށްފައެވެ.
ރާއްޖޭގެ ފަތުރުވެރިކަން، ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އިޝްތިހާރު ކުރެއްވުމުގައްޔާއި، ރާއްޖެއިން ބޭރުގައި އޮންނަ އެކިއެކި ފެއަރތަކާއި ބައްދަލުވުންތަކުގައި، ރާއްޖެ އިޝްތިހާރު ކުރެއްވުމަށް، އިނގިރޭސިބަހުން ޝިޢާރު ލިޔެފައިވާ ލޯގޯ ބޭނުންކުރެއްވުމަށް ރައީސް އޮފީހުން ވަނީ އެދިވަޑައިގެންފަ އެވެ.
ފަތުރުވެރިކަމުގެ ރަންއަހަރު ވަރަށް ކުލަގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން ހިންގާނެ ޙަރަކާތްތައް ރޭވުމުގެ މަސައްކަތްތައް ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ އެންމެހައި ފަރާތްތަކާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީއިން ކުރިއަށްގެންދިއުމަށް އަންނަނީ ތައްޔާރުވަމުންނެވެ.



